މިއަދުވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން ދަށަށް ހިނގައްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 96 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 75 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 10 މީހެއްގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 10 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން ޕޮޒިޓިވްވި މީހެކެވެ.

މިއަދުގެ 96 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 21،572 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،406 ގައި މިހާރު ހުރިއިރު 19،095 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑްގެ ކޭސްތައް މާލެއިން އިތުރުވާން ފެށުމުން އެޗްޕީއޭ އިން ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށާފަ އެވެ. އެގޮތުން ފަހަކަށް އައިސް މާލޭގެ ޕޮޒިޓިވް އަދަދުތައް ވެސް އުޅެނީ 100 އިން ދަށުގަ އެވެ. މީގެކުރިން ދުވާލެއްގެ މައްޗަށް މާލެއިން އެކަނި 200 އާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވެ އެވެ.