އޯޝެނިއާގެ ގައުމެއް ކަމަށްވާ ފިޖީގެ ސަގާފަތަށް ބޭއިހުތިރާމްކުރި ކަމަށް ބުނެ ހޮލީވުޑުގެ މަޝްހޫރު ތަރި ލިއޮނާޑޯ ޑިކެޕްރިއޯ ހޫނުފެނަށް ވެއްޓިއްޖެ އެވެ.

އިންޓަނެޓުގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަނީ ލިއޮނާޑޯ ފިޖީގެ ހޮޓަލަކަށް ވަދެގެން ދާއިރު އޭނާއަށް މަރުހަބާ ކިޔުމުގެ ގޮތުން އެގައުމުގެ ސަގާފީ ހުށައެޅުމެއް ހުށައަޅައިދޭ މަންޒަރެވެ.

އެހެން ނަމަވެސް އޭނާގެ ފޯނާ ކުޅެން ހުރި ލިއޮނާޑޯއަށް އެކަން ފާހަގަނުވެ ހުށައެޅުމަށް އަޅާނުލާ ހުރިގޮތަށް ހޮޓަލަށް ވަދެގެން ދިޔައީ އެވެ.

އެ ވީޑިއޯ އާއްމުވުމާއެކު ލިއޮނާޑޯގެ އެ އަމަލަކީ ފިޖީގެ ސަގާފަތަށް ކުރި ބޭއިހުތިރާމެއް ކަމަށް ބުނެ އިންޓަނެޓުގައި އޭނާއަށް ފާޑުކިޔަން ފެށި އެވެ.

އެގޮތުން އޭނާއަށް ލިބުނު މެހެމާންދާރީއަށް ޝުކުރު އަދާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި ލަސްނުކޮށް އެކަން ކޮށް މައާފަށް ވެސް އެދުމަށް އާއްމުން އަންނަނީ ގޮވާލަމުންނެވެ.

ލިއޮނާޑޯ ފިޖީއިން ފެނިފައިވަނީ އޭނާގެ އުފަން ދުވަހު ލޮސް އެންޖެލަސްގައި ބޮޑު ހަފްލާއަށް ބޭއްވިތާ އެއް ދުވަސް ފަހުންނެވެ. އެ ހަފްލާގައި ހޮލީވުޑްގެ ގިނަ ތަރިންތަކެއް ބައިވެރިވިއިރު އަޑުގަދަ ވުމުގެ ސަބަބުން އަވަށްޓެރިންގެ ޝަކުވާތައް ވެސް އިދާރާތަކަށް ލިބިފައިވެ އެވެ.