މިއަދުވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން ދަށަށް ހިނގައްޖެ އެވެ.

މިއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ޖެހިޖެހިގެން 100 ދަށުގައި ހުންނަތާ ތިންވަނަ ދުވަހެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 94 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 80 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި ހަތް މީހެއްގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި ހަތް މީހެކެވެ.

މިއަދުގެ 94 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 21،666 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،350 ގައި މިހާރު ހުރިއިރު 19،245 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑްގެ ކޭސްތައް މާލެއިން އިތުރުވާން ފެށުމުން އެޗްޕީއޭ އިން ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށާފަ އެވެ. އެގޮތުން ފަހަކަށް އައިސް މާލޭގެ ޕޮޒިޓިވް އަދަދުތައް ވެސް އުޅެނީ 100 އިން ދަށުގަ އެވެ. މީގެކުރިން ދުވާލެއްގެ މައްޗަށް މާލެއިން އެކަނި 200 އާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވެ އެވެ.

މިއަދު މުޅި ރާއްޖެއިން ވަނީ 6597 މީހުން ވެކްސިން ޖަހާފަ އެވެ. މާލެ ސަރަހައްދުން މިއަދު ވެކްސިން ޖެހީ 4994 އެވެ. މިހާތަނަށް މުޅި ރާއްޖެއިން 212،711 މީހަކު ވެކްސިން ޖަހާފައިވާއިރު، އޭގެތެރެއިން 121،630 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ.