ބޭރު ފައިސާ މާރުކުރުމާއި ގުޅޭގޮތުން ސަރުކާރުން އެކުލަވާލި ބިލުގައި ޑޮލަރު މާރުކުރަން ޖެހޭ އުސޫލަށް އެއްވެސް ލުޔެއް ދީފައި ނުވާނެކަމަށް ބުނި ނަމަވެސް، ރައީސްގެ އަމިއްލަ ގެކޮޅު ކަމުގައިވާ "ދިމްޔާތު" ގައި ހިންގާ ގެސްޓްހައުސްއަށް ވަރަށް ބޮޑު ލުޔެއް ލިބޭ ގޮތަށް ބިލަށް ބަދަލު ގެނެސްފައިވާކަން ހާމަވެއްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމް އިން މިދިޔަ އޯގަސްޓު 1، ގައި ބޭރު ފައިސާގެ ގަވާއިދު އިސްލާހުކޮށް، 50 އަށް ވުރެ ގިނަ ކޮޓަރި ހުންނަ ޓޫރިސްޓް ހޮޓާތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހެ އެވެ.
އެ ގަވާއިދަށް ބާރުދިނުމުގެ ގޮތުން މިދިޔަ އަންގާރަ ދުވަހު އެކުލަވާލި ފޮރެކްސް ބިލުގައި ބުނެފައިވަނީ 50 އަށް ވުރެ ގިނަ ކޮޓަރި އޮޕަރޭޓު ކުރާ ޓޫރިސްޓް ހޮޓާތަކުންގެ އެކްސްޗޭންޖް ރިކުއަމެންޓް ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރަށް ދަށްކޮށް، 24 ގަޑިއިރު ހަމަނުވާ ޓޫރިސްޓުންނަށް އެއްވެސް އަދަދެއް މާރުކުރަން ނުޖެހޭ ގޮތައް ލުއި ދީފަ އެވެ.
އެ ކެޓަގަރީގައި ރައީސްގެ ގެސްޓްހައުސް "ދިމްޔާތު ސްޓޭ" ވެސް ހިމެނެ އެވެ. ދިމްޔާތު ސްޓޭ ގައި 55 ކޮޓަރި އާއި އެޕާޓްމަންޓުގެ ގޮތުގައި ވިއްކާ ހަ ތަން އޮޕަރޭޓު ކުރެ އެވެ.
މި ބަދަލުތައް ގެންނެވުމާއި ގުޅިގެން ރައީސް މުއިއްޒުއަށް ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ވިދާޅުވީ، ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ މާރުކުރަން ޖެހޭ ގޮތަށް އިސްލާހުގެނައި އުސޫލަށް ބަދަލެއް ނާންނާނެ ކަމަށެވެ.
ފޮރެކްސް ގާނޫނުގައި ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން "ދިމްޔާތު ސްޓޭ" ފަދަ އިމާރާތްތަކުގައި ޓޫރިސްޓު ހޮޓާ އޮޕަރޭޓުކުރާ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބެ އެވެ.
މި ބިލާއި ބެހޭގޮތުން އެމްއެމްއޭ އިން ބުނީ، ކެޓަގަރީ "އޭ" ގައި ހިމެނޭ، ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ލާޒިމްކަމަށެވެ. އަދި ކެޓަގަރީ "ބީ" ގައި ހިމެނޭ ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރުކުރަން ޖެހެ އެވެ.
އެކުލަވާލި އާ ގަވައިދާ އެއްގޮތަށް ޑޮލަރު މާރުކުރުމުން ރިސޯޓްތަކަށް ގެއްލުންވާ ކަމަށް ފާހަގަކޮށް އެ ގަވާއިދު އުވާލަން އެންމެ ފުރަތަމަ އެމްއެމްއޭގައި އެދުނީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ. އެއަށްފަހު ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވެސް ވަނީ އެ ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރެވެން ނެތްކަން އެމްއެމްއޭއަށް އަންގާފަ އެވެ.
ރިސޯޓްތައް ހިންގާ ބޮޑެތި ވިޔަފާރިވެރިން ބުނެފައިވަނީ އެމްއެމްއޭ އިން ނެރުނު ގަވައިދުގައި ކަނޑައަޅާފައިވާ ގޮތަށް ކޮންމެ ރިސޯޓަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދައިން އަމަލުކުރުމަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ބުނެފައިވެ އެވެ.