މިދިޔަ ނޮވެމްބަރު މަހުގައި ރައީސް މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވި ބުޅާ ފެސިލިޓީ ސިޓީ ކައުންސިލުގެ ދަށުން ސަރުކާރަށް ނަގަން ނިންމައިފި އެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ގެންދަން ހުޅުމާލޭގައި "އޮޅުހިޔާ"ގެ ނަމުގައި ހެދި ފެސިލިޓީ ތައްޔާރު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރި ހަރަދު ހޯދައި ސަރުކާރުން އެދިފައިވާގޮތަށް އެތަން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލުކުރަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

"އޮޅުހިޔާ" މަރުކަޒުގައި ކައުންސިލްގެ އިންތިޒާމުތައް ހުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެތަނަށް ބުޅާތައް ގެންދިއުން މަޑުޖައްސާލަން އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ފެސިލިޓީއަށް ބުޅާތައް ނުގެންދިއުމަށް އެ މިނިސްޓްރީން އިލްތިމާސްކުރީ ރޭ ނެރުނު ބަޔާނެއްގަ އެވެ. އަދި މީގެ އިތުރުން އެ ފެސިލިޓީ ހަދާފައި ހުރި ތަން އެ މިނިސްޓްރީއާ ހަވާލު ކުރުމަށް ވެސް އަންގާރަ ދުވަހު މާލޭ ސިޓީ ކައުންސިލަށް ވަނީ އަންގައިފަ އެވެ.

ބުޅާ ފެސިލިޓީގެ މައްސަލާގައި މާލޭ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ މައްސަލައާ މެދު ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން މި މަޝްވަރާގައި ސިޓީގެ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދަޅުވީ ބުޅާ ފެސިލިޓީ އަކީ ސިޓީ ކައުންސިލުން ބޮޑު ހަރަދެއްކޮށްގެން އަދި އެތަނުގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ތައްޔާރުކޮށްފައިވާ ތަނެއް ކަމަށާއި އެ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އެންގީ އެތަނަށް ބުޅާތައް ގެންދަން ހުރިހާ ކަމެއް ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ.

މޭޔަރު އާޒިމް ވިދާޅުވީ ބުޅާ ފެސިލިޓީ އެންމެ ފުރަތަމަ ހަދަން ފެށިއިރު 10 ގޮޅި އެތަނުގައި ހަދާފައި ހުންނާނެ ކަމަށާއި އަދި އެތަނުގައި އެކަން ކުރާގޮތަށް ކްލިނިކެއް ވެސް ހަދާފައި ހުންނާނެ ކަމަށެވެ.

އެހެން ނަމަވެސް ކްލިނިކެއް ހަދާ އެކަން ކުރުމުގައި ވަގުތު ނަގާތީ އެކަން ކުރާގޮތަށް އެއްބަސްވީ މާލެ ތެރޭ އުޅޭ ބުޅާތަށް ގެންދިޔުމަށް 2،000 އަކަފޫޓުގެ އިތުރު 3 ގޮޅި ހަދަންކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެގޮތުން މިކަމަށް ކައުންސިލުގެ ބަޖެޓުން ބޮޑު ހަރަދެއް ވެސް ހިނގާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ގިނަ އަދަދަކަށް ބުޅާތައް އުޅެމުން ގެންދާއިރު، މަގުތަކުގައި ގިނަ އަދަދަކަށް ބުޅަލުގެ ނަޖިސް ވެސް އޮވެއެވެ. މިކަމަށް އިޗާރާތް ކުރައްވާ މޭޔަރު އާޒިމް ވިދާޅުވީ މަގުމަތީ އުޅޭ ބުޅަލުގެ ނަޖިހުގެ ސަބަބުން މާލޭގެ މަގުތައް ނަޖިސްވަމުންދާތަން ބަލަން ނުތިބެވޭނެ ކަމަށާއި ކައުންސިލަށް ކޮންމެ ދުވަހަކު ވެސް ލިބޭ އެންމެ ބޮޑު ޝަކުވާއަކީ ބުޅަލުގެ ނަޖިހުގައި ރައްޔިތުން ޖެހޭކަމުގެ ޝަކުވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ވެޓުވެސް ހަޔާކޮށްފައި ކާއެއްޗެހީގެ ކަންތައް ނިންމާފައި [ބުޅާތައް] ގެންދިޔުމަށް ބޭނުންވާ ކޮށިތަކާއި ވަސީލަތްތައް ނިންމާ، ހުރިހާކަމެއް އިއްޔެ ކޮށްފައިވާ ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ ބުޅާ ފެސިލިޓީ އެޅުމަށް ކުރި ހަރަދު ސިޓީ ކައުންސިލަށް ލިބެން އެބަޖެހޭކަމަށާއި އެ ހުރިހާ ޚަރަދެއް ކުރީ އެއީ ސިޓީ ކައުންސިލުގެ ބަޖެޓުން ކަމަށް ވާތީ ކަމަށެވެ.

އާޒިމް ވިދާޅުވީ ބުޅާ ފެސިލިޓީ ހެދުމަށް އެއްވެސް ބަޖެޓެއް ސިޓީ ކައުންސިލަށް ނުލިބޭ ކަމަށާއި ކުރަން ޖެހުނު ހުރިހާ ޚަރަދެއް ކޮށްފައި ވާނީ ސިޓީ ކައުންސިލްގެ ބަޖެޓުންކަމަށެވެ.

"ބުޅާ ފެސިލިޓީ ހެދުމަށް ހުރިހާ ޚަރަދެއް ކުރީ ސިޓީ ކައުންސިލްގެ ނަޖެޓުން އެހެން ކަމުން އެ ހުރިހާ ޚަރަތެއް އަނބުރާ ކައުންސިލަށް ލިބެން ޖެހޭނެ. އަދި ހުރިހާ ކަމެއް ކުރީ މިތާ މުވައްޒަފުން. ފެސިލިޓީ ރެޑީކޮށްފައި ހުރީ. މިހާރު ބުޅާ ގެންދެވޭނެ. މިހާރު އެތާ ބުޅާ ބޭތިއްބޭނެ." އާޒިމް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން މާލެ ތެރޭ އުޅޭ ބުޅާތައް މާލެ ތެރެ ނަޖިސްކޮށް ރައްޔިތުން ވޭނުގައި އުޅޭއިރު، ސިޓީ ކައުންސިލުން ބޮޑު ހަރަދުކޮށް އެތަން ހެދީމާ އެތަނަށް ބުޅާތައް ނުގެންގޮސް ހުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްގެ ގޮތުގައި ދެކޭކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މާލެ ތެރޭ އުޅޭ ބުޅާތައް މާލެ ތެރެ ނަޖިސްކޮށް ރައްޔިތުން ވޭނުގައި އުޅޭއިރު، އަޅުގަނޑުމެން ބޮޑު ހަރަދުކޮށް މިތަން ހެދީމާ އެތަނަށް ބުޅާތައް ނުގެންގޮސް ހުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްގެ ގޮތުގައި ދެކެނީ،" އާޒިމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ބުޅާ ފެސިލިޓީ ހެދުމަށް މާލޭ ސިޓީ ކައުންސިލުން ހަރަދު ލިބޭގޮތަށް އެތަން މިނިސްޓްރީ އާ ހަވާލު ކުރުމަށް ހުށަހަޅުއްވައިފަ އެވެ.

ނަރީޝްގެ ހުށަހެޅުން ފާސްވީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.