ފްލެޓް ދިންގޮތުގެ މައްސަލަ ބެލުމަށްފަހު އެކްޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެދި ފްލެޓް ލިސްޓްތައް ހާމަކުރަން ހައުސިން މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން ވަނީ އެ ލިސްޓްތައް ހޯދުމަށް އެ މިނިސްޓްރީގައި އެދިފަ އެވެ. އެ ލިސްޓްތައް ހޯދަން "ހުރިހާ" އިން އެދުނު ސަބަބަކީ ފްލެޓް ލިސްޓްތަކަށް ސިޔާސީ އެކި ބޭފުޅުންގެ ނުފޫޒުން ބަދަލުތަކެއް ގެންނަމުންދާ ކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ކުރާތީ، އެ ލިސްޓަށް ބަދަލެއް ގެނެސްފައިވާކަން ނުވަތަ ނޫންކަން ކަށަވަރު ކަމާއެކު ހާމަކުރުމުގެ ބޭނުމުގަ އެވެ.
އެ ލިސްޓްތައް ދޭން ދެކޮޅު ހަދައި ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ވަނީ ގެދޮރުވެރިޔާ ސްކީމާ ގުޅިގެން މިހާރު ކުރިއަށްދަނީ ރީ-އިވެލުއޭޝަންގެ މަސައްކަތް ކަމަށްވާތީ އެ މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ބެހުމަށްޓަކައި ޕީއެންސީގެ މަޖިލިސް މެމްބަރުން ހައުސިން މިނިސްޓްރީއަށް ލިސްޓްތަކެއް ފޮނުވާފައިވާ ކަމަށް އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ހުރިހާ"އަށް ކިޔައިދީފަ އެވެ.
މިއީ ގަވާއިދާ ޚިލާފު ކަމަކަށްވާތީ މި ލިސްޓުތައް ފޮނުވާފައި ވަނީ ރަސްމީކޮށް ނޫނެވެ. ހައުސިން މިނިސްޓްރީގެ އޮފިޝަލް "ހުރިހާ"އަށް ވިދާޅުވީ އެކި މެމްބަރުން އެކި އަދަދުތަކުގެ ލިސްޓްތައް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން އެއް މެމްބަރަކު ފޮނުވި ލިސްޓްގައި ގާތްގަނޑަކަށް 100 ވަރަކަށް މީހުންގެ ނަން އެބައޮތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެއީ އެންމެ ގިނަ މީހުންގެ ނަން ހިމެނޭ ލިސްޓެވެ. ދެން ފޮނުވި ލިސްޓްތަކުގައި ހުރީ ގާތްގަނޑަކަށް 50 މީހުންގެ ނަމެވެ.
"މި ލިސްޓްތަކުގައި މާލޭގައި ދުވަހަކު ވެސް ދިރިނޫޅޭ މީހުންގެ ނަންތައް ވެސް ހިމަނާފައި އެބަވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މި ދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކޮށްފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓު އެ ހަފްތާ ނިމުމުގެ ކުރީ ދުވަސް ކަމަށްވާ ހޮނިހިރު ދުވަހު އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް ހޮނިހިރު ދުވަހު ހައުސިން މިނިސްޓްރީން ވަނީ ފްލެޓް ލިސްޓް ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. ސަބަބެއް ކަމަށް އެ މިނިސްޓްރީން ބުނީ ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމު ބެލުމުގައި ކަށަވަރު ކުރަން ޖެހޭ ގިނަ ކަންކަން ހުރުމުން އެ ކަމަށް އިތުރު ވަގުތު ބޭނުންވާތީ އެވެ.
އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ލިސްޓް ނެރުން މުއްދަތެއް ނެތްގޮތަށް ފަސްކުރީ މަޖިލިސް މެމްބަރުންގެ ފަރާތުން ލިބިފައިވާ ލިސްޓްތަކުގައިވާ ނަންތައް އެ ލިސްޓްގައި ހިމެނުމަށް އިތުރު ވަގުތު ބޭނުންވާނެތީ އެވެ.
"މަޖިލިސް މެމްބަރުންގެ ފަރާތުން ގިނަ ނަންތަކެއް ހިމެނޭ ލިސްޓްތަކެއް ދެއްތޯ ލިބިފަ ވަނީ. އެހެންވީމަ އެ ނަންތައް ލިސްޓަށް އެޑްކުރުމަށްޓަކައި އިތުރު ވަގުތު ބޭނުންވާނެ ނޫންތޯ،" އޮފިޝަލް ވިދާޅުވި އެވެ.
މިނިސްޓްރީގެ އޮފިޝަލް ދެއްކި ވާހަކަތައް ހައުސިން މިނިސްޓްރީން ދޮގުކުރެ އެވެ.
ކުރުސީތިލިސްޓްނެރެފިމާކުރިން
ވަގު ނޫން ހަމަ އެކަކުވެސް މި ޤައުމުގަ ނެތީބާ؟ ވެރިކަންކުރަންވެސް ރާއްޖެއިން ބޭރުން މީހަކު ހޯދަންވީ ދެން؟
ވަގުންގެފޮށި ބާރަށްބަންނާނެ ބަންނަންޖެހޭ
ތީ ހުސް ވަގުން، ރުފިޔާ ދޭމީހުންނަށް ފުލެޓް ދެނީ.