މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާ ގުޅޭ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ގޮތަށް ޚަބަރުތައް ގެންނަ މީޑިޔާތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލު އިންޒާރު ދެއްވައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ޝަމާލް ވިދާޅުވީ ވަކި ސިޔާސީ މަގްސަދެއް ނުވަތަ ވަކި އަމިއްލަ ބޭނުމެއް ހާސިިލް ކުރަން ގައުމީ ދިފާއީ ބާރުގެ އޮފިސަރުންނާ ގުޅޭ ގޮތުން، އިލްޒާމްތައް އެޅުއްވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަން ނުުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށް ޝަމާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިލްތިމާސްއަކީ މިކަންކަން ނުކުރުން. އަދި މިފަދަ ކަންކަން ކުރައްވާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ޖެހޭނީ ހުރިހާ އޮޕްޝަންސް އެކްސްޕްލޯ ކުރަން، ކިހިނެއްތޯ މިކަންކަން ހުއްޓުވޭނީ، ކޮބައިތޯ އެޅޭނެ ފިޔަވަޅަކީ ބަލަން. މިހާރު ވެސް އަޅުގަނޑުމެން މި ގެންދަނީ އޭގެ ދިރާސާތަކެއް ކޮށް، އެކަންކަން ބަލަމުން،" އޭނާ ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ، އެއްވެސް ހަގީގަތެއް އަދި ހެއްކެއް ނެތް ވާހަކަތަކެއް ސޯޝަލްމީޑިއާ އަދި މީޑިއާތައް މެދުވެރިކޮށް ފަތުރަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމާ ބެހޭ ގޮތުން ޝަމާލް ވިދާޅުވީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެއްބަސްވުމަކީ 2010 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދުގައި ބަނދަރެއް ގާއިމްކުރުމަށް ކުރެވިފައި ހުރި މަޝްވަރާތަކުގެ ތެރޭގައި ދެކެވިފައި ހުރި ވާހަކަތަކަށް އަލިއަޅުވާލާ އެ ވާހަކަތަކަށް އުނި އިތުރު ގެނެސް އެކުލަވާލާފައި އޮތް ލިއުމެއް ކަމަށެވެ. ނަމަވެސް އެ ގެނައި އުނިއިތުރުގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ޝަމާލް ވަނީ އުތުރު ތިލަފަޅުގައި ގާއިމްކުރަމުން ދަނީ ކޯސްޓުގާޑުގެ ބަނދަރެއް ކަމަށާއި، މި މަސައްކަތުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ނުފެތުރުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. އަދި އެ ބަނދަރުގެ މައިގަނޑު އެއް ފެސިލިޓީއަކީ 300 މީޓަރުގެ މަގަތުފާލަމެއް ކަމަށާއި، އޭގެ އިތުރުން މައިގަނޑު ފީޗާއެއްގެ ގޮތުގައި އެތަނުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ 500 ޓަނުގެ އުޅަނދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އުޅަނދުފަހަރު ނެގޭވަރުގެ ޑޮކެއް. މީގެ އިތުރުން ދެން ގާއިމްކުރެވޭނީ މިއާއި ގުޅުންހުރި އެހެން ހިދުމަތްތައް. އެހެން ނަމަވެސް އަޅުގަނޑު ވަރަށް ހާމަކޮށް، ވަރަށް ސަރީހަކޮށް ބުނެލަން ބޭނުންވޭ މި ފެސިލިޓީއަކީ 100 ޕަސެންޓު ދިވެހި ދައުލަތުގެ މިލްކެއް. މި ތަން އޮޕަރޭޓުކުރާނީ ވެސް ދިވެހިރާއްޖޭގެ ދިފާއީ ބާރުން. އަދި މީގެ އިތުރުން މިތަނަށް އަންނަ އެއްވެސް ޓެކްނިކަލް ނުވަތަ ތަޖުރިބާކާރު މާހިރަކަށް ވެސް އާދެވޭނީ ދިވެެހި ދައުލަތުގެ ހުއްދައާ އެކުގައި، ދައުލަތުން ކަނޑައަޅާ މުއްދަތަކަށް،" ޝަމާލް ވިދާޅުވި އެވެ.

އަޅުގަނޑު ވަރަށް ހާމަކޮށް، ވަރަށް ސަރީހަކޮށް ބުނެލަން ބޭނުންވޭ މި ފެސިލިޓީއަކީ 100 ޕަސެންޓު ދިވެހި ދައުލަތުގެ މިލްކެއް. މި ތަން އޮޕަރޭޓުކުރާނީ ވެސް ދިވެހިރާއްޖޭގެ ދިފާއީ ބާރުން. އަދި މީގެ އިތުރުން މިތަނަށް އަންނަ އެއްވެސް ޓެކްނިކަލް ނުވަތަ ތަޖުރިބާކާރު މާހިރަކަށް ވެސް އާދެވޭނީ ދިވެެހި ދައުލަތުގެ ހުއްދައާ އެކުގައި، ދައުލަތުން ކަނޑައަޅާ މުއްދަތަކަށް،
ޝަމާލް

އޭނާ ވިދާޅުވީ މިހާރު ދައުރުވަމުން އަންނަ ލިއުމުގައި އިންޑިއާގެ އަސްކަރީ ބަޔަކު ވަކި މުއްދަތަކަށް ތިބޭ ވާހަކަ އާއި ހަތިޔާރާ އެކު ތިބެވޭ ވާހަކަ އޮތް ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި، މިހާރު ސޮއިކުރެވިފައިވާ އެއްބަސްވުމުގައި މިފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޝަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ އާއި ދިވެހި ސިފައިންނާ ދެމެދު ކުރެވިފައިވާ އެގްރީމެންޓާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އެނގެން ބޭނުންވާނަމަ، އެ މައުލޫމާތު ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ މިކަމާއި ގުޅޭގޮތުން ހުރިހާ މައުލޫމާތެއް އަޅުގަނޑުމެންނަށް ދެވެން އޮތް މިންވަރަށް ދޭން ތައްޔާރަށްކަންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ،" ޝަމާލް ވިދާޅުވި އެވެ.