ބޭރު ފައިސާ މާރުކުރުމާއި ގުޅޭގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލަށް މަޓީން ހުށަހެޅި ކަންކަން ނުހިމަނާ ފާސްކޮށްފި އެވެ.
ޓޫރިޒަމް ވިޔަފާރިތަކާއި ބޭރު ފައިސާއިން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލިބޭ އާމްދަނީ އެއްކޮށް ބޭންކުތަކަށް ޖަމާކުރުމާއި އެ ފައިސާއިން ބައެއް ބޭންކުތަކުން މާރުކުރަން މަޖުބޫރުކުރާ ބިލު ފާސްކޮށްފައިވަނީ މިއަދު އެވެ.
އެ ބިލު ކޮމިޓީން ފާސްކުރީ މަޓީގެ ހުށަހެޅުން ނުހިމަނަ އެވެ. އެ ޖަމިއްޔާއިން ހުށަހެޅީ ރިސޯޓްތަކުގެ އާމްދަނީން ޑޮލަރު މާރުކުރަން ގާނޫނުން މަޖުބޫރުކުރާ އަދަދު، %10-%15 އާ ދެމެދުގެ އަދަދެއް ހަމަޖެއްސުމަށެވެ.
އިއްޔެ ހެނދުނު ވަނީ ކޮމިޓީގެ ބައްދަލުވުމަށް ބިލާ ގުޅޭގޮތުން ހިޔާލު ހޯދުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޭފުޅުން ހާޒިރުކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.
މި ބިލު ފާސްކުރީ 56 މެމްބަރުންގެ ވޯޓާއެކުއެވެ. މި ބިލާ ދެކޮޅަށް ވޯޓުދެއްވީ 11 މެމްބަރުންނެވެ. ބިލު ފާސްކޮށްފައި ވަނީ މާލިއްޔަތު ކޮމިޓީން ގެނައި ބައެއް ބަދަލުތަކާއެކު އެވެ.
ކޮމިޓީން ގެނައި ބަދަލުތަކަކީ އިސްތިސްނާ ލިބޭ އުމުރުގެ ގޮތުގައި ކުރިން އޮތް 10 އަހަރު 12 އަހަރަށް މަތިކޮށް، ބައެއް މާއްދާތަކުގައި ހުރި އިބާރާތް ބަދަލުކޮށް އެމްއެމްއޭއަށް ބޭނުންވާ މައުލޫމާތު ހޯދަން އެ އިދާރާއަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ހިމެނުމެވެ.
ބޭރު ފައިސާއާ ބެހޭ ބިލު އޮތް ގޮތުން އަންނަ އަހަރުން ފެށިގެން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރެވެ. އަދި "ކެޓެގަރީ ބީ" ގައި ހިމެނޭ ސަފާރީތަކާއި ގެސްޓުހައުސްތަކާއި ހޮޓާތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހެ އެވެ.
ރިސޯޓްތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އެމްއެމްއޭގެ ގަވާއިދުގައި މަޖުބޫރު ކުރުމުން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅުން ވަނީ އެ ގަވާއިދަށް އަމަލު ކުރެވެން ނެތް ކަމަށް ބުނެފަ އެވެ. އެ ގަވާއިދު އޭރު އޮތްގޮތުން ނުލިބޭ އާމްދަނީއެއް ބޭންކަށް މާރު ކުރަން ޖެހޭ ކަމަށް ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފަ އެވެ.