އެސްޓީއޯއިން ރާއްޖެއަށް ބޭސް އެތެރެކުރުމާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަ އަކީ 2016، މެއި 27 ގައި ރާއްޖެއަށް އިމްޕޯޓް ކުރި އެޓޮކޯ ބޭހުގެ ބޮޑުބައެއް 2018 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާއިރު، އެ ބޭހުގެ މުއްދަތު ހަމަވި ބެޗް ޑިސެންބަރު 2018 ގައި އޯޑަރުކޮށްފައިވާކަމަށް ބުނާ މައްސަލަ ކަމަށެވެ.

އެގޮތުން، މި މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، އެސްޓީއޯގެ މެޑިކަލް ސާވިސް ޑިޕާޓްމަންޓްގެ ހެޑްގެ މަގާމުގައި ހުރި ސ. ހިތަދޫ، ގުލްޒާރުގޭ ޙުސައިން ޞަބާޙް އާއި އެ ޑިޕާޓްމަންޓްގެ ޕްލޭނިންގ މެނޭޖަރުގެ މަގާމުގައި ހުރި ޏ. ފުވައްމުލައް، ޖިއްދާ، ހަމްދޫން ފާއިޒުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އެސްޓީއޯ އިން އެޓޮވަސްޓެޓިން ގެ ބްރޭންޑެއްކަމަށްވާ އެޓޮކޯގެ 40މގ. އަލަށް ރާއްޖެ ގެނައުމަށް، އިތުރު ބޭސް ހިމެނޭގޮތަށް ރާއްޖެއިން ބޭރުގެ ބޭސް އުފައްދާ ކުންފުންޏަކާއެކު 2015 ގައި ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓެއްގައި ސޮއިކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެ ބޭހުގެ 40މގ. އަކީ އޭގެ ކުރިން ގެނެސްފައިނުވާ އެ ބޭހުގެ އައު ޑޯސޭޖެއްކަމަށްވާއިރު، ރާއްޖޭގެ މާކެޓްގައި އެ ބޭހުގެ ބޭނުން އޮތް މިންވަރު ބަލާފައިވާކަން ލިޔުމުން އެނގޭކަށް ނެތް ކަމަށް އޭސީސީން ބުންޏެވެ.

ހަމައެހެންމެ، އެ ބޭހަކީ ހާޓް އެޓޭކް ނުވަތަ ސްޓްރޯކްޖެހިގެން ގެންނަ ބަލިމީހުންނަށް ހައި ޑޯސޭޖެއް ދިނުމުގެ ގޮތުން ދޭ ޑޯސޭޖެއްކަމަށާއި އާއްމުކޮށް ބަލިމީހުންނަށް ލިޔެދެނީ 10މގ. އަދި 20މގ. ކަމަށްވާތީ 40މގ. ދޭންޖެހޭ މީހުން ނިސްބަތުން މަދުވާނެކަމަށް ތަހުގީގަށް ބަޔާންދިން ޑޮކްޓަރުން ބުނެފައިވާކަމާއި، އެއީ އާއްމުކޮށް ގިނަ ދުވަހަށް ގަވާއިދުން ބަލީމީހުން ބޭނުންކުރުމަށް ޑޮކްޓަރުން ލިޔެދޭ ޑޯސޭޖެއް ނޫންކަން ކޮމިޝަނުގެ ތަހުގީގަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

"އަދި، ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓްގައި އެސްޓީއޯއިން އެޓޮކޯގެ 40މގ. އަށް ފޯކާސްޓްކޮށްފައިވާ އަދަދަށްވުރެ އިތުރަށް ބޭސް އޯޑަރުކޮށް ގެނެސްފައިވާކަމާއި، އެގޮތުން، އެސްޓީއޯއިން 2016 ގައި 560,000 ގުޅަ އޯޑަރުކޮށް ލިބުނު ބޭހުގެ އަގަށް 2,928,487.45ރ. ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގްރީމަންޓްގައި ފޯކާސްޓްކޮށްފައިވާ ޢަދަދާއި މެޑިކަލް ސަރވިސް ޑިޕާޓްމަންޓުން ފޯކާސްޓްކޮށްފައިވާ ޢަދަދަށްވުރެ ގިނައިން 2016 ވަނަ އަހަރު އެ ބޭސް ގެނެސްފައިވާކަން އެނގެއެވެ. ހަމައެހެންމެ، އެއީ، އޭރު އެސް.ޓީ.އޯއިން ޢާންމުކޮށް، ގަންނަމުންދިޔަ އެޓޮވަސްޓެޓިންގެ އެހެން ބްރޭންޑެއްކަމަށްވާ އެޓޮރިންގެ 20މގ. ގެނައި އެވަރެޖް ޢަދަދަށްވުރެ ގިނަ ޢަދަދެއްކަން ވެސް އެނގެއެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

އޭސީސީން ބުނީ އެ ބެޗްގެ ބޮޑު ބައެއް ނުވިކި އެސްޓީއޯއަށް 2,787,457.13ރ. ރުފިޔާގެ ގެއްލުންވެފައިވާ ކަމަށެވެ.

"2016 ގައި ގެނައި އެޓޮކޯގެ 40މގ. ގެ ބެޗްގެ މުއްދަތު 2018 ގައި ހަމަވިފަހުން އެކިފަހަރު މަތިން ބަހާލައިގެންކަން ފާހަގަކުރެވެއެވެ. އެގޮތުން، އޮކްޓޫބަރު 2018 އިން ފެބުރުވަރީ 2020 ގެ ނިޔަލަށް އެ ބެޗް ގެނައުމަށް ޖުމުލަ 266,842.48ރ. (ދެލައްކަ ފަސްދޮޅަސްހަހާސް އަށްސަތޭކަސާޅީސްދެ ރުފިޔާ ސާޅީސްއަށް ލާރި) ޚަރަދުކޮށްފައިވާކަމާއި، 2018 އިން ފެށިގެން ގެނައި އެ ބޭހުގެ އެއްވެސް ބައެއް ނައްތާލަން ނުޖެހޭކަން ވަނީ ފާހަގަކުރެވިފައެވެ. ހަމައެހެންމެ، 2016 ގެ ބެޗުން ވިކުނު ޢަދަދުތަކަށާއި 2018 އިން ފެށިގެން ގެނެސް ވިކުނު އެ ބޭހުގެ ޢަދަދުތަކަށް ބެލުމުން، 2018 އިން ފެށިގެން އެސްޓީއޯއިން ގެނެސްފައިވާ އެ ބޭހުގެ ޢަދަދުތަކަކީ ރާއްޖޭގެ މާކެޓްގައި އެ ބޭހުގެ ޑިމާންޑް އޮތްވަރުކަން އެނގެއެވެ. އެހެންކަމުން، 2016 ގައި އެސް.ޓީ.އޯއިން އެޓޮކޯގެ 40މގ. އޯޑަރުކޮށް ގެނެސްފައިވަނީ ރާއްޖޭގައި އެ ބޭހުގެ ޑިމާންޑް އޮތްވަރާ އަޅާބަލާއިރު އެތައް ގުނައެއް އިތުރަށްކަން ފާހަގަކުރެވެއެވެ،" އޭސީސީން ބުންޏެވެ.