ދިވެހި ފުލުހުންގެ ޚިދުމަތާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމަށް ޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ދެ މުއައްސަސާއަކީ އަބަދު ވެސް ވަރަށް ގުޅިގެން މަސައްކަތްކުރާ ދެ މުއައްސަސާ ކަމަށެވެ.
އެގޮތުން ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތްކަން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ޓަކައި މިނިސްޓަރު ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ އަމާންކަން ދަމަހައްޓައި، ރަނގަޅު ފިކުރު ފެތުރުމަށް ފުލުހުން ކުރަމުން ގެންދަނީ ވަރަށް ވެސް ބުރަ، އަދި އެހާމެ މުހިންމު ގައުމީ މަސައްކަތްތަކެއް ކަމަށާއި ފުލުހުންގެ މަސައްކަތްތަކަށް އެހީތެރިކަން ދިނުމަކީ އިސްލާމިކް މިނިސްޓްރީއަށް ވެސް އޮތް މަސްއޫލިއްޔަތެއް ކަމަށެވެ.
އެގޮތުން ފަސްޖެހުމެއް ނެތި އެ މިނިސްޓްރީން ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވެސް މިނސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ކުރިމަތިވާ ފިކުރީ ގޮންޖެހުންތައް ރާއްޖެއަށް ވެސް ކުރިމަތިވާނެ ކަމަށާއި އޭގެތެރޭގައި އިސްލާމްދީނާ ދެކޮޅު ފިކުރުތަކާ، އިސްލާމީ ފިކުރުތަކުގެ ތެރެއިން އުފެދިފައިވާ ފިކުރުތައް ކަމަށްވާ ހަރުކަށި ފިކުރު ހިމެނޭކަމަށެވެ.
"ސޮއިކުރެވުނު އެއްބަސްވުމަކީ ވޭތުވެދިޔަ ޒަމާންތަކުގައި، އަހަރުތަކުގައި، ގާއިމުވެފައި ހުރި ގުޅުންތަކުގެ މައްޗަށް އިތުރުކުރެވޭ އާ ސިލްސިލާއެއް. އާ ބިންގަލެއް އެޅިގެން މިދަނީ،" ޝަހީމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު، ސީޕީ އަލީ ޝުޖާއު ވިދާޅުވީ، މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިން ވެސް ފުލުހުންނާ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މަސައްކަތްކޮށްފައިވާ ކަމަށާއި ރާއްޖެއަކީ އަމާން މުޖުތަމައެއްގެ ގޮތުގައި ދެމެހެއްޓުމަށް އިސްލާމިކް މިނިސްޓްރީ ވަރަށް އިސްދައުރެއް އަދާކުރާ ކަމަށެވެ.
އެގޮތުން މުޖުތަމައުގައި އުފެދޭ ދީނީ ހިޔާލުތަފާތުވުންތައް ހައްލުކުރުމުގައި ވެސް އެ މިނިސްޓްރީން މުހިންމު ރޯލެއް ކުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކިން ހާއްސަކޮށް ފުލުހުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީން ދެއްވާ އެހީތެރިކަން ސީޕީ ފާހަގަ ކުރެއްވި އެވެ.
އަންގާރަ ދުވަހު މި ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމާގުޅޭ މައުލޫމާތު ދެމުން އިސްލާމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ އިސްލާމިކް މިނިސްޓްރީއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމެކެވެ.