ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ޕްރޮޑަކްޝަންއެއް ކަމަށްވާ "ލާޕަތާ ލޭޑީސް" ކުރިއަށް އޮތް އޮސްކާ އެވޯޑުގެ ރޭހުން ބޭރު ކޮށްލައިފި އެވެ.

ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އާއްމުކުރި އޮސްކާ އެވޯޑްގެ ޝޯޓްލިސްޓް ނޮމިނޭޝަންތަކުގައި "ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމް" ކެޓަގަރީގައި ލާޕަތާ ލޭޑީސް ހިމެނިފައެއް ނުވެ އެވެ.

ޒުވާން ދަ އަންހެނެއްގެ ހަޔާތުގެ ދަތުރު ދައްކުވައިދޭ "ލާޕަތާ ލޭޑީސް" އިންޑިއާގެ ރަސްމީ ހުށައެޅުމުގެ ގޮތުގައި އޮސްކާއަށް ފޮނުވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އޮސްކާ އެވޯޑްގެ އިންޑިޔާގެ ޖޫރީއިން އެ ފިލްމު ހިޔާރުކުރީ އިންޑިއާގެ އެކި ކަންކޮޅުތަކުން ހުށައަޅާފައިވާ 29 ފިލްމެއްގެ ތެރެއިންނެވެ.

"ލާޕަތާ ލޭޑީސް" އޮސްކާގެ ރޭހުން ބޭރުވެފައި މިވަނީ އެ ފިލްމަށް އެވޯޑެއް ލިބިއްޖެނަމަ މުޅި އިންޑިއާ އުފަލުން ފޮޅޭނެ ކަމަށް އާމިރު ބުނެފައިވަނިކޮށެވެ.

އާމިރު ޚާންއާއި އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޯ ވަނީ އެ ފިލްމު ޕްރޮމޯޓް ކުރަން ގިނަ މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ.

"ލާޕަތާ ލޭޑީސް" އޮސްކާގެ ރޭހުން ބޭރުވި ނަމަވެސް އިންޑިއާގެ އެކްޓަރުންނާއެކު އެގައުމަށް ނިސްބަތްވާ ވާހަކައަކަށް އުފައްދާފައިވާ އިނގިރޭސި ވިލާތުގެ "ސަންތޯޝް" ވަނީ އޮސްކާއަށް ޝޯޓްލިސްޓް ވެފަ އެވެ.