ސޮނާކްޝީ ސިންހާގެ މައިންބަފައިންގެ ތަރުބިއްޔަތަށް "ޝަކްތީމާން"ގެ މުކޭޝް ހަންނާ ފާޑުކިޔުމުން ސޮނާކްޝީ ދިން އިންޒާރަށް މުކޭޝް ރައްދު ދީފި އެވެ.
އިންޑިއާގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި މުކޭޝް ބުނީ އޭނާ ބުނި ބަހަށް ރައްދު ދޭން ސޮނާކްޝީ ދުވަސްތަކެއް ނެގުމުން ހައިރާންވި ކަމަށާއި އޭނާ ބުނި ބަހުގައި އެއްވެސް ނުބައި ނިޔަތެއް ނޯންނާނެ ކަމަށެވެ. އޭގެ އިތުރުން ސޮނާކްޝީގެ ބައްޕަ ޝަތުރުގަން ސިންހާއަކީ އޭނާއަށްވުރެ ސީނިއާ އެކްޓަރެއް ކަމަށާއި އޭނާއަށް ވަރަށް އިހުތިރާމްކުރާ ކަމަށް ވެސް މުކޭޝް ބުންޏެވެ.
"އަހަރެންގެ ބޭނުމަކަށްވީ މިއަދުގެ ޒުވާނުން ދީނާމެދު ދެކޭގޮތަށް އަލިއަޅުވާލަން. ސޮނާކްޝީއަށް ޒާތީ ގޮތުން ޖައްސާލާކަށް ނޫން،" މުކޭޝް ބުންޏެވެ.
މުކޭޝް މިގޮތަށް ވާހަކަ ދައްކާފައި މިވަނީ ސޮނާކްޝީއަށް ހިންދޫ ދީނުގެ ކަންކަން ނޭނގެނީ އޭނާގެ ބައްޕަގެ ތަރުބިއްޔަތު ގޯސްވުމުން ކަމަށް އޭނާ ބުނި ބުނުމަށް ސޮނާކްޝީ އިންޒާރުދީފައި ވަނިކޮށެވެ.
ސޮނާކްޝީގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވަނީ މީގެ އެތައް އަހަރެއް ކުރިން ހިނގާފައިވާ ކަމެއްގެ ވާހަކަ އާކޮށްގެން ދެއްކުން ހުއްޓާލަން ޖެހޭ ކަމަށާއި އޭނާގެ މައިންބަފައިންގެ ތަރުބިއްޔަތާމެދު ސުވާލު އުފައްދައިފިނަމަ ރަނގަޅު ނުވާނެ ކަމަށެވެ.
ސޮނާކްޝީ އިޝާރާތް ކޮށްފައިވަނީ 2019 ވަނަ އަހަރު އަމީތާބު ބައްޗަންގެ "ކޯން ބަނޭގާ ކްރޯޑްޕަތީ" ޝޯގައި ހިންދޫ ދީނާ ބެހޭގޮތުން އޭނާއަށް ކުރެވުނު ސުވާލަކަށް ޖަވާބު ދޭން ނޭނގުނު ނޭނގުމަށެވެ.
މުކޭޝްގެ ފާޑުކިޔުމާއެކު ޝަތުރުގަން ބުނެފައިވަނީ އޭނާގެ ދަރިންނާމެދު ފަހުރުވެރިވާ ކަމަށާއި އެ ދަރިންނަކީ ދީނާ އަހުލުވެރި ބައެއްކަން ކަށަވަރުކުރަން އެހެން މީހެއްގެ ހިޔާލު ބޭނުންނުވާ ކަމަށެވެ.