އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތައް އިންސާފުވެރިކޮށް ތަހުގީގު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ ފުލުހުން އެޗްޑީސީއަށް ފޮނުވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްޓުކުރެއްވީ ކަމަށެވެ. އަދި އެއީ ގޮތް ހުސްވުމުން ކުރެއްވި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފަޒުލް ހިންގަމުންދާ ކޮރަޕްޝަން ދުމުގެ ދިލައިގައި، ކައިރީގައި ތިބި އެންމެން ވެސް ޖެހޭ. އެޗްޑީސީ މައްސަލައިގައި މިނިވަން އިންސާފުވެރި ތަހުގީގެއް ނުހިނގާނެ. ފަޒުލްއަށް ފިޔަވަޅު ނާޅާނެކަން އޭނައަށް ޔަގީންކަން އޮންނާނެ. އެއީ ކީއްވެކަންވެސް އޭނައަށް އެނގޭނެ. މިކަން ހެޔޮ ނިޔަތުގައި ތަހުގީގުކުރާނަމަ މިނިވަން ކޮމިޓީއެއް އެކުލަވާލާ ތަހުގީގު ހަވާލުކުރަން ފެނޭ. އޭސީސީއަކުން ނުހިނގާނެ މި މައްސަލައެއް. ފުލުހުންގެ ތެރެއިން މިކަމެއް ނުހިނގާނެ،" ޔާމީން ވިދާޅުވި އެވެ.
އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތައް މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހްމަދު ޒުހޫރު ވަނީ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރަން އެމަނިކުފާނު އަންގަވާފައެއްނުވެ އެވެ.
ޔާމީން ވިދާޅުވީ އެކަމުން ހާމަވަނީ އެޗްޑީސީން ހިންގާ ކޮރަޕްޝަންގެ މައްސަލަތަކުގައި ރައީސް މުއިއްޒުގެ ބައިވެރިވުން އޮތް މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޒުހޫރު އެޗްޑީސީގެ ޗެއާމަންކަމުން ޕްރައިވެޓައިޒޭޝަންގެ ބޯޑުން ވަކިކުރީ ރައީސް މުއިއްޒުގެ އެންގެވުމަށެވެ. އޭނާ އެ މަގާމުން ވަކިކުރީ ފަޒުލްއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގަން އޭނާގެ ސަބަބުން އުނދަގޫވާތީ އެވެ.