ކޮވިޑް ޖެހިގެން 79 އަހަރުގެ މީހަކު މިރޭ މަރުވެއްޖެ އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ އުމުރުން 79 އަހަރުގެ އެ އަންހެން މީހާ މަރުވީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ އަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔަ މީހެކެވެ. މިއީ މި މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވި ތިން ވަނަ މީހާ އެވެ.

ކޮވިޑްގެ އަދަދުތައް މަދުވާން ފެށުމަށްފަހު އަނެއްކާވެސް އަދަދުތައް މިވަނީ މައްޗަށް އަރަން ފަށާފަ އެވެ. މިރޭ ވެސް 200 އާ ގާތް ކުރާ އަދަދެއްގެ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައިވާ 2،433 މީހަކު ރާއްޖޭގައި އެބަތިއްބެވެ. އޭގެތެރެއިން 121 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ.