ހޯމް ކަރަންޓީނުގައި ނެތް މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އުނގޫފާރަށް އަރައި ފޭބުން މަނާކޮށްފި އެވެ.

އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އުނގޫފާރު ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމުގައި ވަނީ އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.

އެ ލިޔުމުގައިވާގޮތުން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

އެނގިފައިވާ ގޮތުގައި އުނގޫފާރުން ޕޮޒިޓިވްވީ އެރަށު ފިހާރައެއްގެ ސޭޓެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެނެކެވެ. އެ އަންހެން މީހާގެ ފިރިމީހާ އަކީ މާލެއާއި އެރަށާ ދެމެދު ބޯޓު ދަތުރުކުރާ މީހެކެވެ. އެހެންކަމުން އެމީހާ އާއި އެ ބޯޓުން ދަތުރުކުރި އެންމެންގެ ސާމްޕަލް ނެގުމުގެ މަސައްކަތް އުނގޫފާރު ރީޖިނަލް ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ.