ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ފަހިވާ ފުރުސަތުތަކަކީ ވަރަށް ތާރީހީ ފުރުސަތެއް ކަމަށާއި މުސްތަގުބަލުގަައި ފަސް އެނބުރި ބަލައި، މިދުވަސް ފާހަގަ ވެސް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ބުދަ ދުވަހު އަމަލު ކުރަން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ރާއްޖޭގެ ވިޔަފާރިވެރިންނަކީ މަޑުން ނުތިބެ ކުރިއަރަން މަސައްކަތް ކުރާނެ ބައެއް ކަމަށެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ފަހިވާ ފުރުސަތުތަކަކީ ވަރަށް ތާރީހީ ފުރުސަތެއް ކަމަށާއި މުސްތަގުބަލުގަައި ފަސް އެނބުރި ބަލައި، މިދުވަސް ފާހަގަ ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އިލްތިމާސް އަކީ، ފުރުސަތުގެ ފުރިހަމަ ބޭނުން ކުރައްވާށޭ. މި އެއްބަސްވުމުގެ ސަބަބުން ޗައިނާ މިއަދު ކުރިއަރައިގެން މިދާ ދިޔުމުގައި އެންމެ ބޮޑު ފުރުސަތެއް މި ލިބެނީ ރާއްޖެ އަށް،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ދުނިޔޭގައި ބޭނުންކުރާ ސީފުޑްގެ ހުރިހާ ބާވަތެއް ރާއްޖެ ގެނެސް، އެއަށް އަގު އެއްކޮށްގެން ސުން ޕަސެންޓްގައި ޗައިނާ އަށް ބޭރު ކުރުމުގެ ފުރުސަތު މިހާރު ހުރިހާ ދިވެހި ވިޔަފާރިވެރިންނަށް އޮންނާނެ ކަމަށެވެ. އަދި 1972 ވަނަ އަހަރު ރާއްޖެ އަށް ފަތުރުވެރިކަން ތައާރަފު ކުރީ ވެސް ދިވެހި ވިޔަފާރިވެރިންގެ ތަނަވަސް ވިސްނުމުގެ އަލީގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ 1972ގައި ރާއްޖެއަށް ތައާރަފު ކުރީ ވަރަށް އާދައިގެ ޓޫރިޒަމެއްކަމަށާއި ނަމަވެސް މިއަދު ދުނިޔޭގައި އަތްފުނާ އަޅައިގެން ވެސް އަދި ދުނިޔޭގައި ބޮޑުވާ ބިއްލޫރި ކައިރި ކޮށްގެން ބެލި ނަމަވެސް މިއަށްވުރެ ލަގްޒަރީ، ޕްރިމިއަމް، ފެޝަނަބަލް އިންޑަސްޓްރީއެއް ރާއްޖެ ފިޔަވައި ދުނިޔޭގައި ނޯންނާނެ ކަމަށެވެ. އަދި އެއީ ދިވެހިންގެ ހިތްވަރާއި ދިވެހި ވިޔަފާރިވެރިންގެ ހިތްވަރުކަމަށް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސާވިސް ސެކްޓާ އަދި އިންވެސްޓުމެންޓް ސެކްޓާއަށާއި އިންޓަނެޓު މެދުވެރިކޮށް ކުރާ ވިޔަފާރި މުއާމަލާތްތަކަށް ވެސް ފަހިވާނެ ކަމަށެވެ.
އަދި މި އެއްބަސްވުމާ އެކު ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، އެގައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް ފަހިވެގެންދާނެ ކަމަށާއި ކުރިމަގުގައި ވިޔަފާރީގެ ގިނަ ފުރުސަތުތައް ދިވެހިންނަށް ފަހިވާނެ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.