މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި މާލޭގައި ފެންބޮޑުވެއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ އެއްގަޑިއިރު ތެރޭ މާލެއަށް މިއަދު 60 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު، ޖުމްލަ 140 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ވަނީ މިރޭ 11:00އާ ހަމައަށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފަ އެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ގޯސްޓްގާޑާއި މެޓް އޮފީހުގެ ލަފާގެ ދަށުން ނޫނީ ކަނޑުދަތުރު ނުކުރަން އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާތީ ފުލުހުން ވެސް ވަނީ މަގުމަތީގެ ރައްކާތެރިކަމުގެ އެލާޓެއް ނެރެފަ އެވެ.

ފުލުހުން ނެރުނު އެލާޓްގައި ވަނީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ގެތަކަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުންދާތީ، މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން ބަރު އުޅަނދު މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރޮޅުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި ނޫނީ ނުދުއްވުމަށް އިލްތިމާސްކޮށްފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިތީ (އެންޑީއެމްއޭ) އިން ބުނީ ބޯކޮށް ވާރޭ ވެހުމާއި އުދަ އެރުމުގެ ސަބަބުން މިހާތަނަށް ހަ ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެތެރެގައި އުދައެރި ރަށްތައް ވެސް ހިމެނެ އެވެ. އުދަ އަރާފައި ވަނީ ށ. ނަރުދު އާއި ރ. އިނގުރައިދޫއަށެވެ. އަދި ވާރޭ ވެހި ފެންބޮޑުވެގެން ދ. ކުޑަހުވަދޫ، އެ އަތޮޅު މީދޫ، ފ. ނިލަންދޫ އަދި އެ އަތޮޅު މަގޫދުއިން ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

އެންޑީއެމްއޭ އިން ބުނީ ކުޑަހުވަދު އާއި މީދޫގައި ފެން ބޮޑުވެ 10 އަކަށްވުރެ ގިނަ ގެއަށް ފެންވަދެ، ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ފެންބޮޑުވެފައިވާތީ ރަށުގެ އެކި ދިމަދިމާލުން ކޯރު ކަނޑައިގެން ފެން ބޭރުކުރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.