ރ. އުނގޫފާރުގައި އުޅުމަށްފަހު މި މަހުގެ ދެވަނަ ދުވަހުގެ ފަހުން އެހެން ރަށަކަށް ގޮސްފައިވާ މީހުން އަންގައިދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އެ ތާރީހުގެ ފަހުން އުނގޫފާރުން އެހެން ރަށަކަށް ގޮސްފައިވާ ފަރާތްތަކުން މިހާރު ހުރި ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް ވީ އެންމެ އަވަހަކަށް އެކަން އަންގަން އެދޭ ކަމަށެވެ.

އެ ތާރީހުގެ ފަހުން އުނގޫފާރަށް ދިއުމަށްފަހު އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ވެސް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.

ކަރަންޓީނު ނިމުމުން އެރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނުން ސާމްޕަލް ނަގާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މާޗު ދެވަނަ ދުވަހުގެ ފަހުން އުނގޫފާރުން މާލެ އައިސްފައިވާ ފަރާތްތަކުން މާލޭހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، ނުވަތަ ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

އުނގޫފާރަށް ކުރި ދަތުރުގެ މައުލޫމާތު އެޗްޕީއޭގެ ހޮޓްލައިން 1676އަށް ގުޅައި ހިއްސާކުރުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

ހޯމް ކަރަންޓީނުގައި ނެތް މީހަކު އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެ އުނގޫފާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.