ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ފުރުސަތު ނުލިބި ގިނަ ދުވަސް ވާ މީހުނަށް ފުރުސަތު ދިނުމުގައި އަލަށް ހައްޖަށް ދާ މީހުނަށް އިސްކަންދޭން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ކެބިނެޓުން ނިންމާފައިވަނީ ހައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށް ފަހު ވެސް އަލަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ އިންތިޒާރުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބި މީހުންނަށް އިސްކަންދޭ ގޮތަށް އަންނަ އަހަރުން ފެށިގެން އުސޫލަށް ބަދަލު ގެނައުމަށް ކަމަށެވެ.
މިގޮތަށް ބަދަލުކުރަން ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީން ކެބިނެޓަށް ހުށަހެޅި ކަރުދާހެއްގަ އެވެ. ކެބިނެޓުގައި އެ ހުށަހެޅުމަށް މަޝްވަރާ ކުރުމަށް ފަހު މިއަދު ނިންމާފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖުގެ އަޅުކަން އަދާކުރަންދާ މީހުންނަށް ފައިސާ ދައްކާ ތަރުތީބުން ފުރުސަތު ދިނުމުގައި ވަކި ގޮތްތަކަކަށް އަމަލު ކުރުމަށް ކަމަށެވެ.
އަލަށް ހައްޖަށް ދާން އެދޭ މީހުންނަށް އިސްކަން ދިނުމުގައި ބަލާނެ އުސޫލުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނަށް ހައްޖު ކޯޕަރޭޝަނުގެ ކޯޓާގެ ވަކި ޕަސެންޓެއް ހާއްސަކުރުމާއި، އަލަށް ވެސް ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލާ އެހީތެރިޔަކު ގެންދަން ޖެހޭ މީހުންނަށް އެހީތެރިން ހަމަޖައްސަން ފުރުސަތު ދިނުން ހިމެނެ އެވެ.
މީގެ އިތުރުން އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހެއް، ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާގެ މީހަކު ހިމެނޭ ނަމަ އެ މީހަކު ގެންދެވޭނީ ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތެއް އޭނާއަށް ލިބެން ނެތް ހާލަތުގައިކަމަށާއި
އަދި ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ގޮތުން 5 އަހަރު ވެފައި ވުމުން ކަމަށްވެސް ވަނީ ބުނެފަ އެވެ.
ފައިސާ ދެއްކުމަށްފަހު ހައްޖަށް ނުދެވި ގިނަ ދުވަސްތަކެއް ވެފައި ތިބި މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.