މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގި އިންޑިއާ އައުޓް ހަރަކާތަކީ އާންމު ރައްޔިތުން އިންޑިއާގެ ނުފޫޒުން ރާއްޖެ ސަލާމަތްކުރަން ފެށި ހަރަކާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ އައުޓް ހަރަކާތާ ގުޅޭގޮތުން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ނުދީސާކޮށް ރައްދުދެއްވައި އެކްސްގައި އަޒާން ވިދާޅުވީ އެއީ ރާއްޖެއަށް އޮތް އިންޑިއާގެ ނުފޫޒާއި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ހެދުމުގެ ގޮތުން ދިވެހި ރައްޔިތުން އުފުލި އަޑެއް ކަމަށެވެ.
އަޒާން ވިދާޅުވީ ދިވެހި ރައްޔިތުން އެ އަޑު އުފުލަން ޖެހުނީ އިންޑިއާގެ އަސްކަރީ އުޅަނދުތައް ދުއްވުމުގެ ނަމުގައި އެގައުމުގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމުން ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރު ކުރާނެ އަސްކަރީ ސިއްރު އެއްބަސްވުންތައް އިންޑިއާއެކު ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ކެމްޕޭންގެ ތެރޭގައި މި ސަރުކާރުގެ އިސްވެރިން ބުނަމުން ދިޔައީ ވެރިކަން ލިބިއްޖެނަމަ ރާއްޖެ އާއި އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެ ކަމަށެވެ. ނަމަވެސް ވެރިކަން ލިބުމުން އެމްޑީޕީ ސަރުކާރުން ބުނިގޮތަށް މި ސަރުކާރުން ވެސް ބުނަނީ އެއީ ސިއްރު އެއްބަސްވުންތަކެއް ކަމަށެވެ.
އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށްފަހު ޔުނީފޯމް ނުލާ މިލިޓަރީ ތަމްރީނު ލިބިފައިވާ މަދަނީ ބަޔަކު ވަނީ ރާއްޖެ ގެނެސްފަ އެވެ. ދިވެހީންނަށް ހެލިކޮޕްޓަރު ދުއްވުމުގެ ފުރުސަތު ނުދެނީ ކީއްވެތޯ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ ސުވާލުކުރުމުން އެ ސުވާލަށް އެދެވޭ ޖަވާބެއް ދެވިފައެއްނުވެ އެވެ. އިންޑިއާގެ މިލިޓަރީ ބޭރުކުރާނެ ކަމަށް ވައުދުވެގެން ވެރިކަމަށް އަޔަސް އެކަމެއް ނުވި އެވެ. އިންޑިއާގެ މިލިޓަރީ ރާއްޖޭގައި އަދިވެސް އެބައޮތެވެ. ހަމައެކަނި ބަދަލުވީ ލާ ހެދުމެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްގައި އަޒާން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ޝޯޝަލް މީޑިއާގައި އޭރު މަޝްވަރާއެއްގެ ގޮތުގައި ފެށުނު ކަމެއް ކަމަށެވެ. އަދި ފަހުން އެކަން ގައުމީ ހަރަކާތަކަށް ބަދަލުވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޝޯޝަލް މީޑިއާގައި އޭރު މަޝްވަރާއެއްގެ ގޮތުގައި ފެށުނު ކަންތައް ވަރަށް އަވަހަށް ގައުމީ މަސައްކަތަކަށް ވެގެން ދިޔައީ. އެއީ ހަމައެކަނި އިންޑިއާއާ ގުޅުން ހުރި ކަމެއް ވެސް ނޫން. އެއީ ބޭރުގެ އެއްވެސް ބާރަކުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ ކަމެއް ނުކުރެވޭނެކަން ކަށަވަރު ކުރުމާ [ގުޅުން ހުރި ކަމެއް]،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2023ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އިންޑިއާގެ މިލިޓަރީ ރާއްޖޭގައި ތިބުމާ މެދު ރައްޔިތުން ބޭނުންވާގޮތް ވަރަށް ސާފުކޮށް ހަރުއަޑުން އިއްވި ކަމަށެވެ. އަދި އެ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުން ވޯޓު ދެއްވި އެއް ސަބަބަކީ ވެސް އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ އެމަނިކުފާނު ދެކޮޅު ހައްދަވައި އެކަން އިއުލާން ކުރައްވާފައިވުން ކަމަށް އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ ރައީސް މުއިއްޒު ވެވަޑައިގެންނެވި އެ ވައުދު ފުއްދަވާފައިވާ ކަމަށެވެ.
ހައްދު ފަހަނައަޅައި ފައި ހުރި ވެރިއެއް
ރިޕްލައި