ދާދިފަހުން އަލިފާނުގެ ހާދިސާގައި އަނދާހުލިވި ހައުސިން މިނިސްޓްރީ އުވާލުމާއި ގުޅިގެން އޮނިގަނޑަށް އަންނަ ބަދަލުތަކާއެކު ބައެއް މުވައްޒަފުން ވަކިކުރަން ޖެހިދާނެކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން އަންގައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ރައީސް މުހައްމަދު މުއިއްޒުވަނީ ހައުސިން މިނިސްޓްރީ އުވާލަން ނިންމަވައި އެ މިނިސްޓްރީގެ މެންޑޭޓުތައް އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކުރެއްވުމަށް ނިންމަވާފަ އެވެ. އެ ދެ މިނިސްޓްރީއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އެވެ.

ސީއެސްސީން މިކަން އަންގާފައިވަނީ މެއިލްއަކުން ކަމަށް އެނގިފައިވެ އެވެ. އެ މެއިލްގައި ބުނެފައިވަނީ ހައުސިން މިނިސްޓްރީގެ މެންޑޭޓް ބަހާލި ދެ މިނިސްޓްރީގެ އޮނިގަނޑު ފާސްކުރުމުން ބައެއް މުވައްޒަފުން ވަކިކުރަން ޖެހިދާނެކަން ނުވަތަ ރެޑަންޑެންސީއެއް ހިންގަން ޖެހިދާނެކަމަށެވެ.

އެ މިނިސްޓްރީތަކުގެ ސިވިލް ސާވިސް މުވައްޒަފުންގެ އޮނިގަނޑު ހެދުމުގެ މަސައްކަތް މިހާރު ސީއެސްސީން ކުރިއަށް އެބަ ގެންދެ އެވެ.

ރެޑަންޑެންސީއާ ހަމައަށްދާނީ އާ ދެ މިނިސްޓްރީގެ އޮނިގަނޑު ނިމުމުން، ބޭނުންނުވާ މަގާމުތަކަށްވާ މުވައްޒަފުންނަށް އެހެން މިނިސްޓްރީއަކުން ނުވަތަ ސަރުކާރުގެ އެހެން އޮފީހަކުން ވެސް ވަޒީފާއެއް ދެވެން ނެތް ހާލަތުގައި ކަމަށް ސިވިލްސާވިސްއިން ބުނެ އެވެ.

ހައުސިން މިނިސްޓަރަކަށް ހުންނެވި އަލީ ހައިދަރު ވަނީ މިނިސްޓްރީ އުވާލުމާއެކު ހަޔާ އެޑިއުކޭޝަންގެ މިނިސްޓަރުކަމަށް އައްޔަން ކުރައްވާފަ އެވެ.