ވަރުގަދަ ގޮންޖެހުން ކުރިމަތީގައި އަމާންދީ ދެކަކޫމަށްޗަށް ތިރިނުވަނީ ކާކުހެއްޔެވެ؟ އެންމެ ބާރާއި ނުފޫޒުގަދަ މީހުން ވެސް ބޮޑެތި އިމްތިހާންތަކުގެ ކުރިމަތީގައި ފިނޑިންނަށް ވެފައިވުމީ ދުނިޔެ ދައްކާ ހަގީގަތެވެ.
ސައިކޮލޮޖިސްޓުން ބުނާގޮތުގައި ވަކި ލަނޑުދަނޑިއެއް ހާސިލްކުރުމަށް މަސައްކަތް ފަށާފައި އެކަން ނުވާގޮތް މެދުވެރިވުމުން އަވަސް އަރުވާލައިފައި އެކަމެއް ހުޓާލުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ. އެއީ އެ ވަގުތަކީ ބޮޑު ނަފްސާނީ ބަލިކަށިކަމެއްގެ އެމީހާ ވަށާލައިފައިވާ ވަގުތަކަށްވެފައި، އެހާލަތުގައި އޭނާ ވަނިކޮށް އެފަދަ ނިންމުމަކަށް އާނބަސް ދެވިއްޖެ ނަމަ، ދެވަނަ ފަހަރަށް ވެސް އެކަން އެގޮތަށް ތަކުރާރު ކުރެވުން ގާތްވާނެތީ އެވެ. އެއްވެސް ކަމެއް ކާމިޔާބުނުވެ ފަހަރަކު މަސައްކަތެއް ފަށަމުން ހުއްޓާލަމުން ދާމީހުންނަކީ އޭގެ މިސާލެވެ.
ވަރުގަދަ އަޒުމާއި ދޫނުދިނުން: ކާމިޔާބުގެ އަސްލު
ހއ. ފިއްލަދޫއަށް އުފަން އެރަށު ޑެއިލީ ވޯކް، އައިޝަތު ޝުރުފާ (ޝުރޫ) ފެހުމުގެ ތެރެއަށް ވަނުމަށް މަސައްކަތް ފެށުމާއެކު އޭނާގެ ހިތްވަރު އެލޭފަދަ ދެރަބަހެއް މީހެއްގެ ފަރާތުން ލިބުނެވެ. ފެހުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި ވަރަށް އަވަހަށް އެމަސައްކަތް ދެކެ ފޫހިވެގެން ހުއްޓާލަން ޖެހޭނެ ކަމަށެވެ. އެބަސް އަދި އަދަށްވެސް އޭނާގެ ހަނދާނުގައި ހުރިނަމަވެސް އެއަށް ފަރުވާލެއް ނުބަހައްޓައި، ފެހުމުގެ މަސައްކަތް ކުރިއަށް ގެންދިއަ އެވެ.
ފެހުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމާއެކުވެސް ދިމާވީ ވަރަށް ހިތްދަތި ގޮތެކެވެ. "ޔޫޑިޒައިން" ގެނަމުގައި ފޭސްބުކް ޕޭޖެއް ހަދައިގެން އެމަސައްކަތް ފަށައި ވައިގައި ހިފާފައި ހުއްޓައި ބަޔަކު އެޕޭޖު ހެކްކުރި އެވެ. އޭރު 9000 ލައިކްސް އެޕޭޖަށް ލިބިފައި ވާތީ އެހެންދިމާވުމުން އޭނާ އެކަމާ ވަރަށް ދެރަވި އެވެ.
ނަމަވެސް ހިތްވަރު ކޮށްފައި އާފެށުމަކުން އަނެއްކާވެސް ފެށި އެވެ. އަނެއްކާވެސް ފޭސްބުކްގައި އާޕޭޖެއް ހަމަ އެނަމުގައި ހުޅުވި އެވެ. އެޕޭޖް ރަޖިސްޓްރީ ވެސް ކުރި އެވެ. ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރިއަށްވުރެ ވެސް ބާރު ދުވެއްޔެއްގައި ފަށައިގަތެވެ.
ފެހުން: އާއިލީ މަސައްކަތެއް
ޝުރޫ އުފަންވީ ފެހުމުގެ މަސައްކަތަށް ލޯބިކުރާ އާއިލާއަކަށެވެ. މަންމައަކީ ތަޖުރިބާކާރު ފެހުންތެރި އެކެވެ. ކާފައަކީ ވެސް ފެހުމުގެ މަސައްކަތްކުރާ މީހެކެވެ. ވީމާ އޭނާ ބޮޑުވަމުން އައި އިރު މަންމަ އާއި ކާފަގެ ފަރާތުން ވަނީ ފެހުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ދަސްވެފަ އެވެ.
"ކާފަ ފަހާ މުންޑު ކަހަލަ އެއްޗެހި. މަންމަ ވެސްފަހާނެ. މަންމަ ފަހާތަން ބަލަން ހުރެގެން އަޅުގަނޑު ފަހަން ދަސްކުރީ. ކާފަ ވެސް މަންމަ ވެސް ވަރަށް ކިޔައިދޭނެ ފެހުމުގެ މަސައްކަތާއި ބެހޭގޮތުން. އެންމެ ފުރަތަމަ އަޅުގަނޑު އަމިއްލަ ހެދުމެއް ފެހީ އުމުރުން ދިހަ އަހަރުގައި. އެހެދުން ކަނޑައިދިނީ މަންމަ،" ޝުރޫ ކިޔައިދިނެވެ.
ގޭތެރެއިން ރަނގަޅަށް ފަހަންދަސްވެފައި ވީނަމަވެސް ނޭނގޭ އިތުރު ކަންކަން ހުރެދާނެ ކަމަށް ބަލައި ފިއްލަދޫ ގެ ޖަމިއްޔާއަކުން 2004ގައި ހިންގި ފަހާކޯހެއް އޭނާ ފުރިހަމަ ކުރި އެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 15 އަހަރެވެ.
"އެކޯހުން ދަސްވީ ގަމީހުގެ ގިރުވާން އަޅާށާއި، ޖީބު ހަރުކުރާށާއި، ދިގުހެދުމުގެ ބޯވަޅާއި އަތުކުރި އެޅުން އަދި ޒިބު ހަރުކުރުން ފަދަ ކަންކަން،" ޝުރޫ ކިޔައިދިނެވެ.
ކްލާސް ކުދިންގެ ޔުނިފޯމް ފަހައިދިނުން: ރައްޓެހިގެން ލޯތްބާއި ގިނަ ތަޖުރިބާ ލިބުނު
ޝޫރޫ ހަމައެކަނި އަމިއްލަ ހެދުން ފަހާލާފައި ހުއްޓާލީކީއެއް ނޫނެވެ. ރަނގަޅަށް ފަހަން ދަސްވުމާއެކު ރައްޓެހި ކުދިންގެ ހެދުން ވެސް ފަހަން ފެށި އެވެ. ރަށުން ތައުލީމު ހާސިލްކުރުމަށް ފަހު އިތުރަށް ކިޔަވަން އޭނާ މާލެއަށް ބަދަލުވި އެވެ. ހުޅުމާލޭގެ ޣާޒީ ސްކޫލުން ގްރޭޑް 10 އާ ހަމައަށް ކިޔެވިއިރު ކްލާސް ކުދިންގެ ޔުނިފޯމާއި، ރައްޓެހި ކުދިންގެ ހެދުންތައް ވެސް ޝުރޫ ފަހައިދެ އެވެ. އޭގެ ސަބަބުން ގިނަ މީހުންގެ ލޯތްބާއި ސަޕޯޓް އޭނާއަށް ލިބިގެން ދިޔަ އެވެ.
ވެޑިންގް ޑްރެސް: ފެހުމަށް އިތުރުވެގެން ދިޔަ އާބޮޅެއް
އާންމުކޮށް ދިވެހިން ލާ ހުރިހާ ހެދުންތަކެއް ވެސް ޝުރޫ ފަހަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ގެ ތަފާތު ވައްތަރުގެ ހެދުމާއި، ދިގުހެދުމާއި، އަބާޔާ، އަދި ޚިމާރު ހިމެނެއެވެ. އެންމެ ފަހުން ވެޑިން ޑްރެސް ވެސް އޭނާގެ ލިސްޓަށް އިތުރުކޮށްލި އެވެ.
"އަޅުގަނޑު ފެހި ފުރަތަމަ ވެޑިންގް ޑްރެސް އަކީ ކޮވިޑް ތެރޭގައި ކޮއްކޮގެ އެދުމުގެ މަތިން 2020ގައި ކޮއްކޮއަށް ފަހައިދިން ވެޑިން ޑްރެސްއެއް،" ޝުރޫ ބުންޏެވެ.
ވެޑިންގް ޑްރެސްއަކީ މިންނަގައިގެން ފަހަންޖެހޭ ހެދުމަކަށް ވާތީ ރަށުގައި ހުރެގެން ރަށުމީހުން ނޫން މީހުނަށް ފަހައި ދިނުން ފަސޭހަ ނޫން ކަމަށް އޭނާ ބުންޏެވެ. އެނޫން ހެދުމެއް ނަމަ، ނަމޫނާ ނުވަތަ މިން ފޮނުވުމުން ހެދުން ފަހައިދީ ޑެލިވާވެސް ކޮށްދެ އެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖޭން ބޭރުގައި އުޅޭމީހުން ވީޑިއޯކޯލް މެދުވެރިކޮށް މިންނަގާގޮތް އަހައިގެން އެ މިންތައް އަޅުގަނޑަށް ފޮނުވުމުން ހެދުން ފަހައިދެން. އެކަމަކު ވެޑިންގް ޑްރެސްގައި އެހެނެއް ނުހެދޭނެ،" ޝުރޫ ބުންޏެވެ.
ފަހަން ބޭނުންކުރާ ތަކެތި ރަށުން ނުލިބުމާއި އެތަކެތި މާލެއިން ގެނައުން ލަސްވުމުގެ ސަބަބުން ފެހުމުގެ މަސައްކަތަށް ދަތިވާކަން ވެސް ޝުރޫ ފާހަގަކުރި އެވެ. އެއީ މާލެއާއި ފިއްލަދޫއާއި ދެމެދު ކުރާ ދަތުރުތައް މަދުވުމުގެ ސަބަބުން ދިމާވާ އުނދަގުލެކެވެ. އެހެން ނަމަވެސް ޝުރޫ ހުރީ ދޫދޭކަށް ނޫނެވެ. ވެވުނުގޮތަކަށް އެމަސައްކަތް ކުރިއަށް ގެންދިއުމަކީ އޭނަގެ އަޒުމެކެވެ.
ފިރިމީހާގެ ގެ އެހީތެރިކަން: މަސައްކަތް ފުޅާކުރުމަށް ލިބޭ ހިތްވަރެއް
ފެހުމުގެ މަސައްކަތުގައި ކޮއްކޮމެން އަދި ފިރިމީހާގެ ބޮޑު އެހީތެރިކަމެއް ވާކަން ޝުރޫ ވަރަށް އުފަލާއެކު ފާހަގަކުރި އެވެ.
"ހެދުން ފަހާ ކަހަލަ ކޮންމެ މުނާސަބަތެއް އަޔަސް ލިބިފައި ހުންނަ އޯޑަރު ގިނަކަމުން އަޅުގަނޑު ވަރަށް ބިޒީ ވާނެ. މިސާލަކަށް އީދު ދުވަސް، ސްކޫލުގައި އިވެންޓެއް އޮންނަ ދުވަސް އަދި ސްކޫލު ހުޅުވޭ ދުވަސްވަރު. އެކަހަލަ ދުވަސްތަކުގައި ފަހާފޮށީ ކައިރިން ނުތެދުވެ އިންނަންވެސް ޖެހޭފަހަރު އާދޭ. އެފަދަ ދުވަސްތަކުގައި ފިރިމީހާ ކުދިންގެ ހުރިހާކަމެއްވެސް ކޮށްދޭ،" ތިން ކުދިންގެ މަންމަ ޝުރޫ ބުންޏެވެ.
ފެހުމުގައި ދިމާވާ އެންމެ އުފާވާކަމަކީ ކޮބައިތޯ އެހުމުން އޭނާ ބުނީ ކަސްޓަމަރުންގެ ފަރާތުން އޭނާގެ މަސައްކަތާއި މެދު ހިތްހަމަޖެހުން ފާޅުކޮށް ދޫކޮށްލާ ތައުރީފުގެ ބަސްތަކަކީ އޭނާއަށް ވަރަށް ބޮޑު އުފަލެއް ގެނެސްދޭ ބަސްތަކެއް ކަމަށެވެ.
"ރަށުން ބޭރު މީހުން(ކަސްޓަމަރުން) ހެދުން ގެންގޮސް ވަރަށް ރީއްޗޭ ބުނީމަ ވަރަށް ހިތްހަމަޖެހޭ. އެމީހުން ހެދުންލާފައި ފޮޓޯވެސް ފޮނުވާފައި އެބަހުރި އަދި ހުންނާނެ ދުރުރަށެއްގައި އަޅުގަނޑުގެ ކަސްޓަމަރެއް. މިހާރު 10 އަހަރުވަނީ މެދުނުކެނޑި ހެދުން ފައްސާތާ. ދުރުގައި އެގޮތައް ދާއިމީ ކަސްޓަމަރުން ތިބޭތީ ވެސް ވަރަށް އުފާވޭ،" މުސްތަގުބަލުގައި ފަހާތަނެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ޝުރޫ ބުންޏެވެ.
ފެހުމަކީ ބައެއް މީހުންނަށް ސިއްހީ މައްސައްލަތައް ދިމާވާ މަސައްކަތެއް ކަމަށް އަޑުފެތުރިފައިވެ އެވެ. ޝުރޫއަށް އެފަދަ ކަމެއް ދިމައިވެފައިވޭތޯ އެހުމުން ބުނީ، ފެހުންތެރިންނަށް ވަރަށް އާއްމުކޮށް ދިމާވާ ކަނދުރާގައި ރިއްސުމުގެ މައްސަލަ އޭނާއަށް ވެސް ދިމާވި ކަމަށެވެ. އެކަން ހައްލު ކުރުމަށްޓަކައި އޭނާގެ ފިރިމީހާ، ފަހާފޮށި ބަހައްޓަން ވަކިން މޭޒެއް ޖަހައިދިން ކަމަށެވެ.
ފެހުމަކީ ރަނގަޅު ޢާމްދަނީއެއްލިބޭ މަސައްކަތެކެވެ. ކުދިން ބަލަން ގޭގައި ތިބޭ މީހުންވެސް ދަސްކުރަން ވަރަށް ރަނގަޅު ކަމެކެވެ. އަމިއްލަ ހެދުން ފަހައި ލެވޭތީ ލިބޭ އުފަލާއި، މީހަކަށް ކަމެއް ކޮށްދެވޭތީ ލިބޭ އުފަލާއި އަދި އާމްދަނީއެއް ލިބޭތީ ލިބޭ ހިތްހަމަޖެހުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަން ލިބުމުގެ ވަސީލަތެއް ކަމުގައި ވެސް ފެހުން ވެ އެވެ. ފެހުމުގެ ތެރެއަށް އަލަށް ނުކުންނަ ކުއްޖަކަށް ޝުރޫގެ ވަރަށް މުހިންމު މެސެޖެއް ވެސް އެބައޮތެވެ. އެއީ ފެހުމަކީ ކުރާހިތުން ކުރާކަމެއް ކަމުގައި ހެދުމެވެ. ފެހުމަކީ ހިތްހަމަ ޖައްސާލަން ވިއަސް ނުވަތަ އާމްދަނީއެއް ހޯދުމަށް ކަމުގައި ވިއަސް ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ.