ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ހަސަން ލަތީފް އިސްތިއުފާ ދެއްވައިފި އެވެ.
މިއަދު ޑިމޮކްރެޓްސްގެ ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި ހަސަން ލަތީފް ވިދާޅުވީ މިވަގުތު ޕާޓީގެ ރައީސްގެ މަގާމުގައި ހުރެވެން ނެތުމުން އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ހަސަން ލަތީފް ވަނީ ޕާޓީގައި އެކުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
ހަސަން ލަތީފް ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ އިދިކޮޅު އެމްޑީޕީއާ ގުޅުމަށް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ އެމްޑީޕީއާ ގުޅެން ގަސްތުކުރައްވާ ކަމަށް ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގެ ގިނަ މެންބަރުންތަކެއް ކައިރީގައި ބުނެފައިވާ ކަމަށް ބުނެ، ޕާޓީގެ ރައީސްގެ މަގާމުން ވަކިކޮށް ދިނުމަށް އެދި އެ ޕާޓީގެ މެންބަރުން ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.
ޑިމޮކްރެޓްސްގެ ނައިބު ރައީސް ހަސަން ޝިފާޒް އާއި ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރަނިން މޭޓުގެ ގޮތުގައި ވާދަކުރެއްވި ހުސެއިން އަމްރު އަދި ކުރީގެ މެންބަރު އަލީ އާޒިމް އިއްޔެ ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައިފަ އެވެ.
މީގެ އިތުރުންވެސް ޑިމޮކްރެޓްސްގެ ގިނަ ބަޔަކު އެމްޑީޕީއަށް ގުޅެން ނިންމާފައިވާ ކަމަށް ވަނީ ހަބަރު ފެތުރިފަ އެވެ.