އަސާސީ ގަވައިދާ ހިލާފުވެގެން ކުރިން އެމްޑީޕީން ފިޔަވަޅު އަޅާފައި ތިބި މީހުންނަށް ދީފައިވާ އަދަބުތައް ބާތިލުކޮށް އެ މީހުންނަށް މައާފް ދިނުމަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީގައި ކުރިން މަސައްކަތް ކުރި ޑިމޮކްރެޓްސްގެ ބައެއް އިސް ވެރިން އެ ޕާޓީއާ ގުޅެމުން ދާ ވަގުތެއްގައި މިގޮތަށް ބަދަލުކޮށްފައިވަނީ އެމްޑީޕީން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފުވެގެން މިހާތަނަށް އެޅި ފިޔަވަޅުތަކާއި އަދަބުތައް ބާތިލުކޮށްދިނުމަށް ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ހަސަން އެވެ.

އެމްޑީޕީ މިވަގުތު އިދިކޮޅުގައި އޮތުމުން، ވީހާ ވެސް ގިނަ ބަޔަކާ އެކު ގުޅިގެން މަސައްކަތް ކުރަން ޖެހޭތީ މިގޮތަށް ހުށަހެޅީކަމަށް ބުނެފައިވެ އެވެ. ބައްދަލުވުމަށް ހާޒިރުވި 64 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ތާއީދާ އެކު އެ ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ.

މީގެ ކުރިން އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފުވެގެން ކަމަށް ބުނެ ޕާޓީން ކަނޑާލި ބައެއް މީހުންނަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އަލުން ޕާޓީއާ ގުޅުނަސް، ފަސް އަހަރުގެ މުއްދަތަކަށް ޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭ ގޮތަށް ހެދުން ހިމެނެ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި މުސާ މަނިކާއި އިއްޔެ އެ ޕާޓީއާ ގުޅިވަޑައިގެން އަލީ އާޒިމްއަށް ވެސް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އަލުން ޕާޓީއާ ގުޅޭ ތާރީހުން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް އެތެރޭގެ އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ހަދާފައިވެ އެވެ.

މި ބަދަލާއި އެކު، މުސާ މަނިކާއި އާޒިމްއަށް ވެސް ދެން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރެއްވޭނެ އެވެ.