ޗައިނާގެ ސައިނޯފާމް އިން ކޮވިޑުން ރައްކާތެރިވާން އުފެއްދި ވެކްސިން މާލެ ސަރައްދުގައި މާދަމާ ޖަހަން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ މާލޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މާދަމާ އިން ފެށިގެން ސައިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހޭނެ ކަމަށެވެ. މި ވެކްސިންގެ ވެސް ދެ ޑޯޒު ޖަހަން ޖެހެ އެވެ. ދެވަނަ ޑޯޒު ޖަހަން ޖެހެނީ ފުރަތަމަ ޑޯޒު ޖެހިތާ ހަތަރު ހަފުތާ ފަހުންނެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ދީފައި ވަނީ ކޮވިޝީލްޑް ވެކްސިން އެވެ.

ސައިނޯފާމް ވެކްސިން ޖަހަން މާދަމާ ފަށާއިރު މާދަމާ މާލެ ސަރަހައްދުގައި ވެކްސިން ޖަހާނީ ހަ ސެންޓަރަކުންނެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖަހާނެ ވަގުތު:

ސޯޝަލް ސެންޓަރު: ހެނދުނު 10:00 އިން ހަވީރު 4:00

އިސްލާމީ މަރުކަޒު: ހެނދުނު 10:00 އިން ހަވީރު 4:00

ހުޅުމާލޭ ވެކްސިން ސެންޓަރު: ހެނދުނު 10:00 އިން ހަވީރު 4:00

ވިލިމާލެ ޒުވާނުންގެ މަރުކަޒު: ހެނދުނު 10:00 އިން ހަވީރު 2:00

ރައްޔިތުންގެ މަޖިލިސް: ހެނދުނު 10:00 އިން ހަވީރު 4:00

ޓްރީޓޮޕް ހޮސްޕިޓަލް: ހެނދުނު 10:00 އިން ހަވީރު 4:00

ވެކްސިން ޖަހަން ދައިރު އައިޑީކާޑު ގެންދަންޖެހެ އެވެ. އަދި ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

ހަމައެހެންމެ ވެކްސިން ޖަހަންދާއިރު، އަމިއްލަ ފެންފުޅިއެއް ވެސް ގެންދަން ޖެހެ އެވެ.

ވެކްސިން ޖަހަންދާއިރު، އެކުގައި އެކަކަށް ވުރެ ގިނަ މީހުން ގެންދިޔުމަކީ މަނާ ކަމެކެވެ. އަދި ކޮވިޑުގެ އެއްވެސް އަލާމާތެއް ހުރިނަމަ ވެކްސިން ޖަހަން ދިޔުމަކީ ހުއްދަ ކަމެއް ނޫނެވެ.

ވެކްސިން ޖަހަންދާ މީހުން އެއްވެސް ބާވަތެއްގެ ބޭހެއް ބޭނުން ކުރާނަމަ، އެ ބޭހެއްގެ މައުލޫމާތު ވެސް ކިޔައިދޭން ޖެހެ އެވެ.

މިވަގުތު ސައިނޯފާމް ވެކްސިންގެ 18،000 ޑޯޒް ރާއްޖޭގައި އެބަހުއްޓެވެ. އަދި ޗައިނާ ސަރުކާރުން އެ ވެކްސިންގެ 200،000 ޑޯޒް ހަދިޔާކޮށްފައިވާއިރު، އެ ޑޯޒްތައް އަދި ރާއްޖެ ނުގެނެވެ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 218،645 މީހަކު ވެކްސިން ޖަހައިފައިވެ އެވެ.