މާލޭގައި ފެން ބޮޑު ވެދާނެ ކަމަށް ލަފާކުރާ ތަންތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގެ ތެރެއިން ފާއިތުވި ހަތް ދިހަ ދެ ގަޑިއިރު ތެރޭގައި މާލޭ ސިޓީ ކައުންސިލުން، މާލޭގެ އެކި ސަރަހައްދު ތަކުގައި 3500 އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި އެވެ.

އާދިއްތަ ދުވަހު ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކައުންސިލުން ފަށާފައި ވަނީ ރާއްޖޭގެ މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ލާފާކޮށްފައިވާތީ މާލޭ ސަރަހައްދުގައި ފެންބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށް އެ ކައުންސިލުން ބުންޏެވެ.

ކައުންސިލްގެ މަސައްކަތްތަށް ކުރިއަށްދާ ފޯކަލް ޕޮއިންޓްތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު މޭޔަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ ފެންބޮޑުވުމުގެ ބިރު އޮތް ސަރަހައްދު ތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތަށް، ގުޅުންހުރި އެކިއެކި މުއްސަސާތަކުންނާއި އާންމު ރައްޔިތުންނަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ފޯރުކޮށްދެއްވަމުން ގެންދާ ކަމަށެވެ. އަދި މިމުހިންމު މަސައްކަތް ތަކުގައި އެމްއެންޑީއެފް، ފުލުހުންގެ ހިދުމަތް، ސިޓީތަކާއި އިދާރާތަށް ހިންގުމާއި އާންމު މަސައްކަތްތަކާ ބެގޭ ޗުޒާރާ، އާރުޑީސީ އެންޑީއެމްއޭ އަދި ރެޑް ކްރެސެންޓުން ދެއްވަމުން ގެއްދަވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި މާލޭގެ އެންމެހާ ރައްޔިތުންގެ ފަރާތުން ޚާއްސަ ޝުކުރެއް މޭޔަރު ވަނީ އަރިސްކުރައްވާފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މިމަސައްކަތް ލީޑް ކުރައްވަމުން ގެންދަވާ ހުޅުމާލެ ކައުންސިލަރު އަލީ އައިމަން ވިދާޅުވީ މޭޔަރު އާޒިމްގެ އިރުޝާދުގެ މަތީން ކުރިއަށް ގެންދާ މަސައްކަތުގައި ކައުންސިލްގެ ތެރެއިން ޓާސްފޯއެއް އެކުލަވާލައި ފެށި މަސައްކަތް ނުހުއްޓި ކުރިއަށް ދާކަމަށެވެ. އަދި ގޯނިތަކަށް ވެލި އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލްގެ އާންމު ހިދުމަތާ ބެހޭ އިމާރާތުގެ ގޯތި ތެރޭގައި ކައުންސިލުން އެކި ގޮތް ގޮތުން ހޯދާ، އެއްކުރެވިފައިވާ ވެލި ފުނިތަކުން ކަމަށް ވެސް އައިމަން ވިދާޅުވި އެވެ.

މިމަސައްކަތުގެ ތެރެއިން ކައުންސިލުން ވަނީ އަންގާރަ ދުވަހު ވިލިމާލޭގައި ވެސް ވެލިބަސްތާ ޖެހުމުގެ އިތުރުން ފަސޭހައި ފެންހިންދުމަށް ޓާއިކައި ޕޯޓްސް ބިލްޑިން ކުރިމަތިން ކޯރު ކެނޑުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި ވިލިމާލޭގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގެ ތެރެއިން އަންގާރަ ދުވަހުގެ ރެއާ ހަމަޔަށް 136 ވެލިބަސަތާ ވަނީ އެކި ސަރަހައްދު ތަކުގައި ޖަމާކުރެވިފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ކައުންސިލްގެ އަމާޒަކީ މިފަދަ ކާދިސާތަކުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކޮށް، ދިރިއުޅެން ހިތް ފަސޭހަ މާހައުލަކަށް މާލެ ސަރަހައްދު ހެދުމެވެ.