ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތައް ހަދާފައިވޭތޯ ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ސުވާލުކުރައްވައިފި އެވެ.

މަލީހު ކޮމިޓީއާއި މި ސުވާލުތައް ކުރިމަތި ކުރެއްވީ މިއަދު އިމްތިޔާޒު ކޮމިޓީއަށް ވަޑައިގެން އެ ކޮމިޓީގެ މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވުމުގެ ކުރިންނެވެ. އަދި ކޮމިޓީގައި މަލީހުވަނީ މެމްބަރުންނަށް ހޫނު ރައްދުތަކެއް ދެއްވާފަ އެވެ.

މަލީހު އިމްތިޔާޒް ކޮމިޓީއަށް ހާޒިރު ކޮށްފައިވަނީ މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަގާއި ވޯޓު ނެގި ދުވަހު، އެ މައްސަލައަށް ޖަވާބުދާރީވަމުން ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާކަމަށާއި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް ބިރުދައްކާ އޭނާ އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރިކަމަށް ވިދާޅުވެ ދެއްވި ވާހަކަތަކާ ގުޅިގެންނެވެ.

މަޖިލީހުގެ ރައީސް އެދުވަހު ވިދާޅުވެފައިވަނީ މަލީހު މަޖިލީހުގައި އިތުރުފުޅު ހެއްދެވިކަން ސާބިތުވެއްޖެނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލަށް ވެސް ފޮނުއްވާނެ ކަމަށެވެ. އަދި މަޖިލީހުގެ ކަރާމާތާއި ގަދަރަށް އުނިކަން ލިބޭ ކަމަށް ވިދާޅުވެ އެމައްސަލަ އިމްތިޔާޒު ކޮމިޓީއަށް ފޮނުވި އެވެ.

މިއަދު ކޮމިޓީއަށް ހާޒިރުކުރުމުން ފުރަތަމަ މަލީހުވަނީ ކޮމިޓީއާ ސުވާލު ކުރިމަތި ކުރުވާފަ އެވެ. އެގޮތުން އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދާ އުސޫލާއި ގަވައިދު ކޮބައިތޯ އެއްސެވި އެވެ. އަދި އެފަދަ ގަވައިދެއް އަދި އުސޫލެއް އޮތް ނަމަ ހިއްސާކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

މަލީހު ވިދާޅުވީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ހ. ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މަޖިލިހުގެ މެންބަރެއް ނުވަތަ އެ ނޫން ވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެ މީހަކާމެދު ދައުވާކޮށް ހަދައިގެން ނުވާނެ ކަމަށް ކަމުގައި މަލީހު ވިދާޅުވި އެވެ.

އެ ކޮމިޓީގެ މުޤައްރިރު ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވީ މިއަދު މަލީހު ހާޒިރުކޮށްފައިވަނީ ކޮމިޓީ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކަމަށެވެ. އަދި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަލީހަށް އިލްތިމާސްކުރެއްވި އެވެ. ނަމަވެސް އެ ސުވާލުތަކަށް ޖަވާބު ނުދެއްވާ ކޮމިޓީގައި ތަކުރާރުކޮށް މަލީހު ވިދާޅުވީ އޭނާ ކޮމިޓީއަށް ހާޒިރުކުރީ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީއާ ގާނޫނާ ހިލާފަށް ކުރާ ކަމަކަށް ޖަވާބުދާރީވާން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކޮމިޓީގައި ތިއްބަވާ ބޭފުޅުންނަށް ގާނޫނާއި ގަވައިދުގައިވާ އެއްޗެއް ނޭނގޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެމްޑީޕީގެ ހަރުގެ ހިންގާހެން ނުހިންގޭނެ ކަމަށް ވިދާޅުވެ، މަލީހު ވަނީ ހޫނު ރައްދުތަކެއް ދެއްވާފަ އެވެ.

ކޮމިޓީގައި ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ހުޅުވާލުމުން ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ މަލީހު މަޖިލިހުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން މިހާރު ކުރެވެމުންދާ މަސައްކަތަކީ ޒާތީ މަސައްކަތެއް ކަމަށެވެ.

ވަޒީރަށް މަޖިލިހުގައި ވާހަކަ ދައްކަން 30 މިނިޓުގެ ފުރުސަތު ލިބޭ ކަމަށާއި އެ ފުރުސަތުގައި ދައްކަވާ ވާހަކަތަކާއި ގުޅިގެން އިތުރު އެއްވެސް ވާހަކައެއް ދައްކައި ތަހުގީގުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. ނާޒިމްއަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.

މަޖިލިސް ކޮމިޓީގައި މަލީހު ދެއްކެވި ވާހަކަތަކާއި ކޮމިޓީއަށް ކުރިމަތި ކުރުވި ސުވާލުތަކާ ގުޅިން އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ މަލީހުއަށް އެގޮތަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމަށް ގޮވާލާފަ އެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ އެދުމުގެ މަތިން ކޮމިޓީ ނިންމާލީ އެވެ.

މި މައްސަލަގައި ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި ގޮތެއް ނިންމާނެ ކަމަށް ކޮމިޓީގެ މުގައްރިރު ވަނީ ވިދާޅުވެފަ އެވެ.