ކޯޓުތަކުގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދޭން ސަރުކާރުން ބަޖެޓް ނުދޭ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓުން އިން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ޖުޑިޝަރީގެ މުވައްޒަފުންނަށް ދެ އަހަރުން އެއް އަހަރު ދޭންޖެހޭ މުސާރައިގެ ކުރިއެރުން 2017 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ނުދެ އެވެ. އަދި އެ މައްސަލަ ހޫނުވެ, މުވައްޒަފުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދިއުމުން 2023 ވަނަ އަހަރު އެ ފައިސާ ދޭން ފެށި އެވެ.

ނަމަވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ބުނާ ގޮތަށް, ގެއްލުނު މުއްދަތަށްވާ ފައިސާއެއް ނުދެ އެވެ. އަދި ގަވާއިދު އޮންނަ ގޮތުން އިތުރު ގަޑި ހިސާބު ކުރަން ޖެހެނީ މުސާރައިގެ ކުރިއެރުމާ އެކު ނަމަވެސް, ކުރިއެރުން ނުލިބި އޮތުމުން އިތުރު ގަޑީގެ ފައިސާ ލިބެންޖެހޭ މިންވަރަށް ވުރެ މަދެވެ.

އެ މައްސަލަ ކޯޓުތަކުގެ މުވައްޒަފުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން 2023 ވަނަ ޓްރައިބިއުނަލުން ނިންމާފައި އޮތީ މުސާރައިގެ ކުރިއެރުން ހައްގުވި ނަމަވެސް ބަޖެޓުގައި ފައިސާ ނެތުމުން ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ޑީޖޭއޭއިން އިން މުސާރައިގެ ކުރިއެރުން މުވައްޒަފުންނަށް ހައްގުވާ ފައިސާއެއް ކަމަށް އެއްބަސްވާ ކަމަށެވެ.

ނަމަވެސް އެ ފައިސާ ދޭން ފިނޭންސް މިނިސްޓްރީން ބަޖެޓް ހަމަޖައްސައިދީފައި ނެތް ކަމަށް ޑީޖޭއޭއިން ބުންޏެވެ. އަދި ބަޖެޓްގައި ނެތް ފައިސާއެއް ދިނުމަކީ މާލިއްޔަތު ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ޑީޖޭއޭގެ ވަކީލުން ބުންޏެވެ.

ޑީޖޭއޭއިން ބުނިގޮތުގައި އެ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކޮށް, ޑީޖޭއޭއަށް ކުރެވެން ހުރި ކަންކަން ކޮށްފައިވާނެ އެވެ.

ކޯޓުތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ ފައިސާ ނުދީ ހުރިއިރު, ދައުލަތުގެ ހަރަދުތައް މިދިޔަ އަހަރު ވެސް ވަނީ ބޮޑުވެފަ އެވެ. އަދި ބަޖެޓް ކުރިވަރަށް ވުރެ އިތުރަށް ފައިސާ ހަރަދު ކުރުމުން ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ފާސްކުރަން ޖެހުނެވެ.