ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން 149 މީހަކު ޕޮޒިޓިވްވިއިރު، މިއަދު އެކަނި 1،856 މީހުން ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 120 މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އަތޮޅުތެރެއިން ހަތަރު މީހަކާއި ރިސޯޓްތަކުން 18 މީހެއްގެ އިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށަކުން ހަތް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 149 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 22،662 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،447 ގައި މިހާރު ހުރިއިރު 20،142 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 1،597 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތެރެއިން ވެކްސިން ޖެހީ 259 މީހުންނެވެ.

މިހާތަނަށް ޖުމްލަ 220،768 މީހަކު މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެތެރެއިން 123،227 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތެރެއިން ޖަހާފައި ވަނީ 97،541 މީހުންނެވެ.