މި ފަހަކަށް އައިސް ހޮލީވުޑް ހަބަރުތަކުގެ އެންމެ ފަލަ ސުރުހީއިން ޖާގަ ހޯދި އެއް ހަބަރަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި ހޮލީވުޑްގެ ކާމިޔާބު ތަރި ޖެނިފާ އެނިސްޓަން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނާ ހަބަރެކެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ހަބަރު ފެތުރި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާއިރު ޖެނިފާ މިވަނީ އެންމެ ފަހުން އެ އަޑުތަކަށް ރައްދު ދީފަ އެވެ.

ޖެނިފާގެ ގާތް ފަރާތަކާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ބުނެފައިވަނީ އޮބާމާއާއި ޖެނިފާއާ ގުޅުވައިގެން ދެކެވެމުން އަންނަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

އެ ފަރާތުން ބުނި ގޮތުގައި ޖެނިފާ އެންމެ ފުރަތަމަ ބޭނުންވީ އެ އަޑުތަކަށް އެއްވެސް ރައްދެއް ނުދޭށެވެ. އެހެން ނަމަވެސް އޭނާގެ ބަހެއް ނުލިބިއްޖެނަމަ އެ އަޑުތަކަށް އިތުރު ބާރެއް ލިބޭނެ ކަމަށް ފެންނާތީ ރައްދު ދޭން ނިންމީ ކަމަށް އެ ފަރާތުން ބުނެފައިވެ އެވެ.

މީގެ ކުރިން ހަބަރުތައް ބުނި ގޮތުގައި ޖެނިފާއާއި އޮބާމާ އެމީހުންގެ ގުޅުން ފޮރުވައިގެން އުޅުނީ ޖެނިފާގެ ކުރީގެ ގުޅުންތަކުގެ ތަޖުރިބާ ތަކުރާރު ކުރަން ބޭނުންނުވާތީ އެވެ.

އެހެން ނަމަވެސް އެ އަޑުތައް މީޑިއާއަށް ފެންމަތިވެ އޮބާމާއާއި އޭނާގެ އަންހެނުން މިޝޭލްގެ މެދުގައި ވެސް ނުތަނަވަސްކަމެއް އުޅޭކަމަށް މީޑިއާތަކުން ފާހަގަކުރި އެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އޮބާމާ އަދިވެސް މިޝޭލްއާ ކައިވެނި ކޮށްގެން އުޅޭއިރު ޖެނިފާގެ ކުރީގެ ގުޅުންތައް ވަނީ ވަރަށް ހަޑި ގޮތަކަށް ރޫޅިފަ އެވެ.