ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލު ކުރަން ނިންމީ އެކަމާ ގުޅޭގޮތުން އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށްކަން ހާމަވެއްޖެ އެވެ.

ހިރިމަރަދޫ ރައްޔިތުން ބަދަލު ކުރުމާއި ގުޅޭގޮތުން ހަނިމާދޫ ރައްޔިތުންނާއި ކައުންސިލާ މަޝްވަރާ ނުކުރާ އިރު، އެގޮތަށް ނިންމިކަން އެނގިފައިވަނީ މީޑިއާތަކުން ކަމަށް އެ ރަށު ކައުންސިލް މެންބަރަކު "ހުރިހާ" އަށް ވިދާޅުވި އެވެ. އަދި މި ނިންމުމާ މެދު ހަނިމާދޫ ދެބައިކުޅަ އެއްބައި މީހުން ނުރުހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ސަރުކާރުގައި އެދިފައިވަނިކޮށް، އެ ރަށުގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަކުރީ އިއްޔެ އެވެ.

އެކަން ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް، އެރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުވުމަށް އެދި މިދިޔަ އަހަރު ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އެކަމާ ގުޅުގެން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބޭއްވިނަމަވެސް އެކަމަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ. އަދި ބައްދަލުވުމުގައި މަދު ބަޔަކު ބައިވެރިވި އިރު، އޭގެ ތެރެއިން ގިނަ މީހުން ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމާ ދެކޮޅެވެ.

300 އަށްވުރެ ދިރިއުޅޭ އާބާދީ މަދު ހިރިމަރަދޫ ރަޖިސްޓްރީގައި ހިމެނެނީ 584 މީހުންނެވެ.