މިދިޔަ ހޮނިހިރު ދުވަހު ބްރިޖް ހައިވޭގައި ހުރި ކޯންއެއްގައި ޖެހި އެކްސިޑެންޓްވެ ބިދޭސީއަކު މަރުވެފައިވަނީ، ވެއްޓިފައި އޮއްވާ އޭނާގެ ބޮލަށް ސައިކަލެއް އެރުމުންކަން ހާމަވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުން އެމީހާ ހައިވޭގައި ވެއްޓިފައި އޮއްވާ ވަރަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ބޮލަށް އަރާފައި ދެ އެވެ. އޭނާ ވެއްޓިފައި އޮތްއިރު ހަށިގަނޑު ހަރަކާތް ކުރަމުންދާކަން ވީޑިއޯއިން އެނގެ އެވެ.
ހޮނިހިރު ދުވަހު ފުލުހުން ބުނެފައި ވަނީ މާލެއަށް އަންނަ ހައިވޭގައި ހުންނަ ސޯލާ ޕެނަލްތައް ކައިރިން ސައިކަލުގައި ދުއްވައިފައި ދިޔަ މީހެއް އެ ތަނުގައި މަސައްކަތް ކުރާކަން އަންގައިދިނުމަށް ބަހައްޓައިފައިވާ ކޯނެއްގައި ޖެހި އެކްސިޑެންޓް ވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ. އިތުރު ގޮތަކަށް އޭނާއަށް އަނިޔާވި ކަމަކަށް ފުލުހުން ނުބުނެ އެވެ.
އޭގެ ފަހުން މިއަދު މީޑިއާތަކުން ސުވާލު ކުރަން ފެށުމުން ފުލުހުން ބުނެފައިވަނީ އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ލައިސަންސް ހިފަހައްޓައި، ސައިކަލް ޓޯކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާއާ ސުވާލުކުރީ ވެއްޓިފައި އޮތް މީހާގެ ބޮލަށް އެރުމުން ކަމެއް ފުލުހުން ނުބުނެ އެވެ.
ފަހަކަށް އައިސް ބައެއް ހާދިސާތަކުގެ މައުލޫމާތު ފުލުހުން ހާމަކުރާއިރު ބައެއް މައުލޫމާތު ގަސްދުގައި ފޮރުވާކަން ފާހަގަވެ އެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް ދަނީ އަމާޒުވަމުންނެވެ.