ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީގެ ދަރިފުޅު އާރަދްޔާ ބައްޗަންއާ ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާތީ އިންޑިއާގެ ކޯޓަކުން ގޫގުލްއާ ދެކޮޅަށް ވަގުތީ ހުކުމެއް އިއްވައިފި އެވެ.
އާރަދްޔާއާއި އޭނާގެ ބައްޕަ އަބީޝޭކްގެ ނަމުގައި ކޯޓަށް ހުށައަޅާފައިވާ އެ މައްސަލައިގައި ބުނެފައިވަނީ ގޫގުލްއިން ހިންގާ ޔޫޓިއުބުން އާރަދްޔާގެ ސިއްހަތާ ބެހޭގޮތުން ދޮގު ހަބަރު އެކުލެވޭ ވީޑިއޯތަކެއް އާއްމުކޮށްފައިވާ ކަމަށެވެ.
އެގޮތުން އާރަދްޔާގެ ސިއްހީ ހާލަތު ވަރަށް ގޯސް ކަމަށާއި މިހާރު ދުނިޔޭގައި ނެތް ކަމަށް ބުނާ ވީޑިއޯތަކެއް ވެސް ޔޫޓިއުބްގައި ދައުރުވި އެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމަށް ގޫގުލްގެ ފަރާތުން ހާޒިރު ނުވުމުން އެ ކުންފުނީގެ ޣައިރު ހާޟިރުގައި ވަގުތީ ހުކުމެއް ވަނީ އިއްވާފަ އެވެ.
އެ ހުކުމުގައި އާރަދްޔާއާ ބެހޭގޮތުން ޔޫޓިއުބްގައި އާއްމުކޮށްފައިވާ ދޮގު މައުލޫމާތު ހިމެނޭ ވީޑިއޯތައް ނަގަން ޔޫޓިއުބަށް އަމުރު ކޮށްފައިވެ އެވެ.
އެ މައްސަލައިގެ ކުރިއަށް އޮތް އަޑުއެހުން އަންނަ މާޗު މަހުގެ 17 ވަނަ ދުވަހަށް ތާވަލް ކުރެވިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.