އައިޖީއެމްއެޗްގައި އުޅުނު ބިދޭސީ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އޮކްޓޫބަރު, 2021 ގައި މޭރީ މަރާލި މައްސަލާގައި ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ތުހުމަތު ކުރަނީ އެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ތެރޭގައި މޭރީ މަރާލި ކަމަށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ލަމްހާ ދޫކޮށްލީ މައްސަލަ ދިގުލައިގެން ގޮސްފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމަކީ މީހުން ބަންދުން ދޫކުރެވޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ލަމްހާ ދޫކޮށްލަން ނިންމި ނިންމުން ބާތިލްކުރަން ހުކުމްކުރީ ކަމަށެވެ. އަދި އޭނާ ބަންދުކުރަން ދައުލަތުން ހަތް ދުވަސް ތެރޭގައި ކްރިމިނަލް ކޯޓުގައި އެދެފިނަމަ އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

މީގެކުރިން ވެސް ލަމްހާ ބަންދުން ދޫކޮށްލި އެވެ. އޭރު ވެސް ހައި ކޯޓުން ވަނީ ލަމްހާ ދޫކުރުން ގޯސް ކަމަށް ނިންމައި, އޭނާ އަލުން ބަންދުކޮށްފަ އެވެ.

ލަމްހާ ދޫކޮށްލި ނަމަވެސް މާވިން ހުރީ ބަންދުގަ އެވެ.