ބޮލީވުޑްގައި އަރަމުން އަންނަ ތަރި ޚުޝީ ކަޕޫރުގެ ބުރުސޫރައަށް އާއްމުންގެ ފަރާތުން އަމާޒުވި ފުރައްސާރައާއެކު ނަފްސާނީ އަސަރުކުރި ކަމަށް އޭނާ ބުނެފި އެވެ.
"ސްކްރީން"އަށް ދިން އިންޓަވިއުއެއްގައި ޚުޝީ ވަނީ އާއްމުންގެ ފަރާތުން އޭނާއަށް އަމާޒުވި "ހިތްދަތި" ފުރައްސާރައާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ޚުޝީ ބުނީ އޭނާގެ ބުރުސޫރަ މަންމަ ސްރީދޭވީ ނުވަތަ ދައްތަ ޖާންވީ ކަޕޫރުއާ ވައްތަރު ނުވުމުން ވެސް ގިނަ ބަޔަކު ފުރައްސާރަ ކުރި ކަމަށާއި އެކަމަކު އެއީ އޭނާގެ ބާރުގައިވާ ކަމެއް ނޫން ކަމަށެވެ. އަދި ފުރައްސާރައާއި މަލާމާތުގެ ސަބަބުން އޭނާގެ ނަފްސާނީ ސިއްހަތަށް އަސަރު ކުރި ކަމަށް ބުނަމުން ޚުޝީ ބުނީ އެކަމުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވި ކަމަށެވެ.
ޚުޝީއަކީ ބޮލީވުޑްގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ތަރިއަކަށްވާއިރު އެ އާއިލާގެ ދެން ތިބި މެމްބަރުންނާ އަޅާކިޔުން ވަރަށް އާއްމުކަން ފާހަގަ ކުރެވެ އެވެ.
"ދަ އާޗީސް"އިން ބޮލީވުޑަށް ތައާރަފްވި ޚުޝީގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ އެންމެ ފަހުން ފެނުނީ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންއާއެކު "ލަވްޔައްޕާ" އިންނެވެ.