ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ނުފުއްދޭ ވައުދުތައް ތަކުރާރު ކުރައްވަމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގެ ވީޑިއޯ ކްލިޕަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ގައުމެއްގެ ހައިސިއްޔަތުން މިއަދު ގެއްލުނު އެންމެ އަގު ބޮޑު، އެންމެ ފޫނުބެއްދޭ، އެންމެ އަގު ނުކުރެވޭ ގެއްލުމަކީ ވެރިމީހާގެ އަގެއް ނެތް، އިތުބާރެއް ނެތް، ބަރޯސާއެއް ނެތް ވައުދުތައް ކަމަށެވެ.

މިދިޔަ އަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ އިސްތިސްނާ ހާލަތެއްގައި ނޫނީ ދެން ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ނުކުރައްވާނެ ކަމަށެވެ. ނަމަވެސް އޭގެފަހުން ފާއިތުވި އަހަރެއްގެ ތެރޭ އެތަައް ބަޔަކަށް ވަނީ ސިޔާސީ މަގާމް ދީފައެވެ.

ސިޔާސީ މަގާމްތަކުން ގިނަ ބަޔަކު ވަކިކުރި ކަމަށް ވިދާޅުވެ، ވަނީ އިތުރުފުޅު ހައްދަވާފައެވެ. އެ ދޮގު ފޫބައްދަން ވަކިކުރި މީހުންގެ މައުލޫމާތު ހޯދަން އާރްޓީއައި ހުށަހެޅުމުން އެ މައުލޫމާތު ދޭންނުޖެހޭ ކަމަށް ބުނެ ސަރުކާރުން ދިޔައީ ކޯޓަށެވެ.

ޖަމީލް އެ އިޝާރާތް ކުރެއްވީ އެ ވާހަކަފުޅަށެވެ.

އެމަނިކުފާނު ވިދާޅުވީ މުއިއްޒަކީ ބަހުގެ އިތުބާރު ނެތް ބޭފުޅެއް ކަމަށެވެ. މުއިއްޒު ގެންދަވަނީ އިތުރުފުޅުހެއްދެވުން ތަކުރާރުކުރައްވަމުން ކަމަށް ވެސް ވިދާޅުވި އެވެ.