ގއ އޮތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދި މާބަނޑު އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅު ފަރުވާ ލަސްވެ ނިޔާވި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ގއ ވިލިނގިލީ މާބަނޑު އަންހެނަކު ރޯގާޖެހި ނޭވާލާން އުނދަގޫ ވާތީ ހޮސްޕިޓަލަށް ގެންގޮސް ހާލު ދެރަވަމުން ދާތީ ސިޒޭރިއަން ހަދައި ބަނޑަށް 8 މަހުގައި ދަރިފުޅު ނަގާފައި ވަނީ އިއްޔެ ހެނދުނު އެވެ. ސިޒޭރިއަށް އަށް ފަހު ހޭނާރައިގެން މަންމައާއި އަދި ދަރިފުޅުވެސް އިއްޔެ ހަވީރު ވެންޓިލޭޓަރަށް ލާންޖެހުނު ކަމަށް އާއިލާއިން ބުނެފައިވެ އެވެ.

އޭގެ ފަހުން އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ އިންތިޒާމު ލަސްވެފައިވަނީ އެއާއެންބިއުލާންސްގެ ވެންޓިލޭޓަރު ހަލާކުވެފައި ހުރުމުން ކަމަށް ނިޔާވި މީހާގެ އާއިލާއިން ބުނެ އެވެ.

މާލެ ގެންދިއުމަށް އެ އަތޮޅު އެއާޕޯޓް އޮންނަ ކޫއްޑޫއަށް ގެންގޮސް ފުރުން ލަސްވެ، އޮކްސިޖަން ނުލިބި ބަލިމީހާ ނިޔާވީ އެއާޕޯޓްގައި ރޭގެ ވަގުތެއްގަ އެވެ. ދަރިފުޅު މާލެ ގެނެވުނު ނަމަވެސް މިއަދު ފަތިހު ވަނީ ނިޔާވެފަ އެވެ.

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިނިސްޓްރީން މި މައްސަލަ ބަލަމުންދާ ކަމަށާއި މައްސަލައިގެ ހުރިހާ ތަފްސީލުތަކެއް ފުންކޮށް ބަލައި، އެއާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

މި ހާދިސާ ދިމާވުމުން މިނިސްޓްރީން ހިތާމަ ކުރާކަމަށް ވެސް ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ އަތޮޅު ތެރޭގައި ހުރި ގިނަ ހޮސްޕިޓަލުތަކުގެ ސިއްހީ ހިދުމަތުގެ ހާލަތު ވަރަށް ދަށެވެ. އެތައް ހޮސްޕިޓަލަކުން މާބަނޑު އަންހެނުންގެ ސްކޭން ނުހެދި، ކައިރި ރީޖަނަލް ހޮސްޕިޓަލަކަށް ނުވަތަ މާލެ ދާން ޖެހެ އެވެ. މީގެ އިތުރުން ގިނަ ހޮސްޕިޓަލްތަކުން އެދެވޭ ފަރުވާ ދޭނެ ވަސީލަތްތައް ހަމަ ނުވުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

މިފަދަ ކަމެއް ދިމާވުމުން މައްސަލަ ބަލާކަމަށް ސަރުކާރުން ބުނިއިރު، ސިއްހީ ދާއިރާގެ ހާލަތު މިހާބޮޑަށް ދަށަށް ގޮސްފައިވާއިރުވެސް ފިޔަވަޅު ނާޅައި ލަސްކުރުމުން މިފަދަ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން އިސްކަން ނުދޭކަން ފާހަގަވެ އެވެ.