ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގައި ތަޅުއަޅުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންވިގޮތަށް، އެންމެ ފަހުގެ ރިޔާސީ އިންތިޚާބުން އެއްފަރާތްކުރީ ޖުޑިޝަރީ ތެރެއިން ކަމަށާއި މިއަދު ހަމަ ނިދީގައަށް ޖުޑިޝަރީއަށް ނިދޭތޯ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ސުވާލެއް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް އަމާޒުކުރައްވައިފި އެވެ.
ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމަށް ނިންމި ރައުޔާ ގުޅޭ ގޮތުން މުއުތަސިމް ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި ޑރ. ޖަމީލް ވިދާޅުވީ އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ މިވާހަކަފުޅުގެ ތެދު ނިޔަތާމެދު ޝައްކެެއް ނެތް ކަމަށެވެ.
"އެކަމަކު މިއީ އާންމު ގޮތެއްގައި މުޅި މުޖްތަމައުގެ މަސްލަހަތަށް ވުރެ ފަރުދެއްގެ މަސްލަހަތު އޮތް ކަމަކަށްވާތީ، ޖުޑިޝަރީއިން ހިތްވަރު ހުރި ބަސް ވިދާޅުވަނީ. ފެންނަން އޮތް ހަގީގަތަކީ ޕަބްލިކް އިންޓްރެސްޓް ބޮޑު، ސިޔާސީ ފަރާތްތަކުގެ މައްޗަށް ހިންގޭ ނޭއްގާނީ އެއްވެސްކަމެއް ޖުޑިޝަރީ ތެރެއިން ނުހުއްޓުވުނުކަން،" ޑރ. ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނުގެ އިސްތިއުނާފުގައި ޖުޑިޝަރީ ތެރޭ ތަޅުއަޅުވައި އެމައްޗަށް ބިނާކޮށް ސުޕްރީމް ކޯޓުން މުޅި ރައްޔިތުން ވޯޓުދޭން ހުރި ފަރާތެއްގެ ކެންޑިޑޭސީ ބާތިލްކުރިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންވި ގޮތަށް 5 އަހަރު ވަންދެން ރައީސް ޔާމީނު ޝޯޓްރައިލެއްގެ ތެރޭގައި ގެންގުޅުމުގެ ފުރުސަތު ފަހިވެ، އިންތިޚާބުން އެއްފަރާތްވީ ޖުޑިޝަރީ ތެރެއިން ނޫންތޯ ވެސް ސުވާލުކުރެއްވި އެވެ.
"މިއަދު ރ. ޔާމީނުގެ ހުކުމްވެސް ބާތިލު! އެކަމަކު މުޅި ރައްޔިތުންނަށް ލިބުނު ގެއްލުމާމެދު ސުޕްރީމް ކޯޓަށް ހަމަ ނިދި ލިބޭތޯ؟ އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބިއްޖެކަމަށް ފެއާނަސްގެ އުޞޫލުން މިއަދު ނުބެލެވޭނެތޯ؟" ޑރ. ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ހިތާމަޔާއެކު ޖުޑިޝަރީވީ ބޮޑެތި ކަންތައްތައް މެދުވެެރިވާ ފަހަރު "ސާޓަންޓީއެއް" ނެތް ތަނަކަށް ކަމަށެވެ. އަދި އެ އިތުބާރެއް ނެތް ތަނަކަށް ކަމަށާއި މަދުފަހަރަކު އިންސާފުގެ މަގަށް ފިރުކިލިޔަސް، ޖުޑިޝަލް އެޕޮއިންޓްމެންޓާ އަދި ޕްރޮސެސް އޮތް ގޮތުން ޖުަޑިޝަރީ ތެރޭ ވެސް އޮތީ ގައުމުގައި ވެސް އޮތް މައިގަޑު ދެ ފިކުރު ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
" އެ ހަގީގަތް ގަބޫލް ކުރަންޖެހޭ!" އެމަނިކުފާނު ވިދާޅުވި އެވެ.