ރޯދަ މަހު ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ބަންދު ނުކުރަން މިހާރު ވިސްނަމުން އަންނަ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ރޯދަ މަހަށް މަޖިލީސް ބަންދުކޮށް، ދައުރު ކުރުކޮށްލަން ކޮމިޓީން ފާސްކުރީ ބުރާސްފަތި ދުވަހު އެވެ.

ރޯދަ މަހަށް މަޖިލީސް ބަންދުކޮށް، ދައުރު ކުރުކޮށްލަން ހުށައެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު އެވެ. އޭނާ ހުށަހެޅި މި ހުށައެޅުމަށް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވޯޓު ދެއްވީ އެ ނިންމުމާ ދެކޮޅަށެވެ.

ރޯދަ މަހު މަޖިލީސް ޗުއްޓީއަށް ދިޔުމާ ގުޅޭ ގޮތުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ، އެ ހުށަހެޅުން ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ އިބްރާހިމް ނާޒިލްއާވެސް މަޝްވަރާކޮށްފައި ކަމަށެވެ. އެގޮތަށް ހުށަހެޅީ އެހެން އިތުރު ޗުއްޓީއެއް ނެގުމުގެ ވިސްނުމުގައި ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިން އެގޮތަށް ހުށަހަޅާފައިވަނީ ރޯދަ މަހުގެ ފަހު ދިހަ އަކީ ބަންދު ދުވަސްވަރަކަށް ވުމާއި، ރޯދަ މަހު މަސައްކަތް ކުރާ ވަގުތު މަދުވުމުން އެންމެ އެދެވޭ މިންވަރަށް މަޖިލީހުގެ މަސައްކަތް ކުރިއަށް ނުދާނެތީ ކަމަށެވެ. އަދި އޭގެ ބަދަލުގައި މަޖިލީސް ޗުއްޓީއަށް ދާ މަހެއްގައި ޗުއްޓީއަށް ނުގޮސް ފުލްކޮށް މަސައްކަތް ކުރާގޮތަށް ބަދަލުކުރުމުގެ ވިސްނުމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލާހު ވިދާޅުވި ގޮތުގައި ރޯދަ މަހު މަޖިލީހަށް ޗުއްޓީއަށް ދާން ހުށަހެޅީ ރައްޔިތުންނަށް ރަނގަޅުވާނެތީ އެވެ.

އެކަމަކު އެ ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް އޮތުމުން މިހާރު ގިނަ މެންބަރުންގެ ވިސްނުން ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފަލާހު ވިދާޅުވީ މިހާރު ގިނަ މެމްބަރުން ރޯދަމަހު ޗުއްޓީއަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިކަމަށް ގޮތެއް ނިންމުމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ޕީޖީގެ ބައްދަލުވުމެއް ހޯމަ ދުވަހަށް ބާއްވަން ވަނީ ހަމަޖައްސާފައި އެވެ.