ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން 162 މީހަކު ޕޮޒިޓިވްވިއިރު، މިއަދު އެކަނި 2،444 މީހުން ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 99 މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އަތޮޅުތެރެއިން 45 މީހަކާއި ރިސޯޓްތަކުން 15 މީހަކާއި ސަފާރީތަކުން ދެ މީހެއްގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ރަށަކުން އެކަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 162 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 23،091 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،579 ގައި މިހާރު ހުރިއިރު 20،439 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 1،392 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތެރެއިން ވެކްސިން ޖެހީ 1،052 މީހުންނެވެ.

މިހާތަނަށް ޖުމްލަ 227،423 މީހަކު މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެތެރެއިން 127،277 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތެރެއިން ޖަހާފައި ވަނީ 100،146 މީހުންނެވެ.