މިއަހަރުގެ ރަމަޟާން މަހު ވެސް ކަރަންޓް ބިލާއި ފެން ބިލުން ޑިސްކައުންޓް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކަރަންޓާއި ފެން ބިލުން މި އަހަރު ވެސް ޑިސްކައުންޓް ދޭނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުކުރިން ވެސް މި ވާހަކަ ވާނީ ދަންނަވާފައި. 8 ޑިސެމްބަރު ގައި މަތިވެރީގައި ބޭއްވި ޖަލްސާގައި އަޅުގަނޑު ދެންނެވިން ކުރީ ރަމަޟާން މަހު ދިން ގޮތަށް މިފަހަރު ރަމަޟާން މަހު ވެސް ކަރަންޓް ބިލާއި ފެން ބިލުން ޑިސްކައުންޓް އަޅުގަނޑުމެން ދޭނަމޭ. އެކަން އެގޮތަށް ކުރިއަށް ގެންދާނަމޭ. އެހެންވީމަ ކިހިނެތްތޯ އޮޅުވާލައިގެން ދޮގުހަދައިގެން ގެންދެވޭނީ،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ރޯދަ މަހު ވެސް ފެން ބިލާއި ކަރަންޓް ބިލުން ޑިސްކައުންޓް ދިން ކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް ޑިސްކައުންޓާއެކު ބައެއް ގެތަކަށް އައި ފެނާއި ކަރަންޓް ބިލް މާ ބޮޑު ކަމުގެ ޝަކުވާ ލިބިފައިވެއެވެ.

ރޯދަ މަހާ ދިމާކޮށް ސަރުކާރުން އަންނަނީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ވެސް ބަހަމުންނެވެ.