ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮންޓްރޯލް ސަރުކާރަށް ގެއްލިޔަ ނުދިނުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ފާސްކުރުމުން, ސުޕްރީމް ކޯޓު ކޮށާ ތިރިކޮށްލާނެ ކަމުގެ ހިސާބު ގިނަ ބަޔަކު ޖަހަން ފެށި އެވެ. ސުޕްރީމް ކޯޓު މިނިވަންކަމާއެކު ހިންގަން ސަރުކާރުން ފުރުސަތު ނުދީ, ބެންޗް ބަދަލުކުރާނެ ކަމުގެ އަޑުތައް ފެތުރޭތާ ދުވަސްތަކެކެވެ.

މިއޮތީ އެދުވަސް އައިސް ޖެހިފަ އެވެ. ސުޕްރީމް ކޯޓުގެ ބެންޗާ މި ސަރުކާރުން ނުކުޅޭނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މީޑިއާގައި ވިދާޅުވިތާ ތިން މަސް ނުވެ އުޅެނިކޮށް ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް, ސުޕްރީމް ކޯޓުގެ ބެންޗްގެ އަދަދު 7 އިން 5 އަށް ދަށްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފަ އެވެ.

މި އިސްލާހު ގެނައުމުގެ މަސައްކަތް ޕީއެންސީން ފެށީ މަޖިލިސް މެމްބަރުންގެ ކޮންޓްރޯލް ސަރުކާރަށް ނެގުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލަ އިއްތިފާގަކުން ސުޕްރީމް ކޯޓުގައި އޮތް ދުވަސްވަރެއްގަ އެވެ. އެހެންވުމުން މި އިސްލާހަކީ އެ މައްސަލަ ސުޕްރީމް ކޯޓުން ސަރުކާރަށް ނާކާމިޔާބު ވެދާނެތީ ބިރުން ގެނައި ބަދަލެއް ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރެ އެވެ. އަދި އެ ތުހުމަތަށް ޖާގަ ލިބޭނެ ބައިވަރު ކަންކަން މިވީ ދެތިން ހަފުތާއެއްހާ ދުވަހު ހިނގައި ގޮސްފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ އަޑު އެހުމަށްފަަހު އެމްޑީޕީގެ ވަކީލުން ސުޕްރީމް ކޯޓުން ނުކުންނަނީ. ފޮޓޯ: އެމްޑީޕީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ ގުޅޭ ސުލޫކީ މައްސަލައެއް ބެލުމަށްޓަކައި ފުލުހުން މެދުވެރިކޮށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންތަކެއްގެ ބަޔާން ނަގަން މަސައްކަތް ކުރާކަމުގެ އަޑުތައް ފަހަކުން ފެތުރުނެވެ. އެކަން ސަރުކާރުން ދޮގެއް ނުކުރެ އެވެ. އަދި ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ފެށުމާ އެކީގައި އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ ނުކުތާތައް ނަގައިގެން އެ މައްސަލަ ލަސްކުރަން ސަރުކާރުން މަސައްކަތް ކުރުމަށްފަހު އެކަން ނާކާމިޔާބުވެ އަދި މައްސަލަ ކުރިއަށް ގެންދަން ނިންމުން އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނުމުން އަޑުއެހުން އޮތީ ފަސްކުރެވިފަ އެވެ.

އިއްޔެ މި ބިލް ހުށަހެޅުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ޕީއެންސީ ޕީޖީގެ އިސް ބޭފުޅުންގެ މަޝްވަރާތަކެއް ހިންގި އެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގައި ރައީސް ތަމްސީލު ކުރައްވާ މެމްބަރު މުހައްމަދު ސަމީރު އިއްޔެ ކުއްލިއަކަށް ވަކިކޮށް, ޕީއެންސީގެ ޓިކެޓްގައި މަޖިލިސް އިންތިހާބުގައި ވާދަކޮށް ނާކާމިޔާބުވި ޔަޒްމީދު މުހައްމަދު އެ މަގާމަށް އައްޔަން ކުރި އެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރު އަދި ގައުމުގެ ދުސްތޫރާ ބެހޭ އެހާމެ ބޮޑު މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް އެ ކޯޓުގެ ބެންޗް ބަދަލުކުރަން ސަރުކާރުން މަސައްކަތް ފެށުމަކީ ސުޕްރީމް ކޯޓާއި ފަނޑިޔާރުންނަށް ބިރު ދެއްކުން ނޫން ކަމަށް ބުނެވޭނެ ޖާގައެއް ދެން ނެތެވެ. މިއީ މެމްބަރުންގެ ގޮނޑީގެ މައްސަލަ ހިނގަނިކޮށް ފަނޑިޔާރުގެ ގޮނޑިކޮޅު އަތުލައިގަންނަން ސަރުކާރުން ކުރާ މަސައްކަތެކޭ ނުބުނެވޭނެ ހަމައެއް އެންމެ ގޮތެއް ނެތެވެ.

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އާއި އެހެން ބައެއް ފަނޑިޔާރުން ދާދި ފަހުން ބޭއްވި ޖަލްސާއެއްގައި ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

ގާނޫނު އަސާސީގައި ބުނަނީ ދައުލަތުގެ މަގާމެއްގައި ހުރި ބޭފުޅަކަށް ވިޔަސް އަދި އަމިއްލަ ފަރުދަކު ނަމަވެސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. ޝަރުއީ ނިޒާމަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށާއި ކުރީގެ ސަރުކާރުން ނުފޫޒު ފޯރުވި ފޯރުވުން ނިމުމަކަށް އައީ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވި ދަރުބާރުގައި ހުންނަވައިގެން ގައުމާ މުހާތަބު ކުރައްވަމުންނެވެ. ނަމަވެސް މިއަދު މި ފެންނަނީ އެ ބަސްފުޅާ ދިމާ އިދިކީލަކޮށް ސަރުކާރުން މަސައްކަތް ކުރާ މަންޒަރެވެ.

މުޅި މަޖިލިސް ސަރުކާރުގެ އަތްދަށަށް ގެނައުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ކުޅެގެން އެ ކޯޓުގެ ކޮންޓްރޯލް އަތުލަން ރޯމާ ދުވާލު އެންމެންނަށް ފެންނަ ގޮތަށް މަސައްކަތް ފެށުމަކީ ތިން ބާރު ވަކިވެފައި އޮންނަ ރިޔާސީ ނިޒާމެއްގައި އަދި ޑިމޮކްރަސީއެއްގައި ސަރުކާރަކަށް ދެއްކޭނެ އެންމެ ހުތުރު މަންޒަރެވެ.