މި އަހަރުގެ ރިޔާސީ ބަޔާނަކީ މިހާ ތަނަށް ދިވެހި ވެރިއަކު އިއްވި އެންމެ އޮޅުވާލުން ބަޔާން ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމު ނާޒިލް ވިދާޅުވެއްޖެ އެވެ.

ނާޒިލް މިފަދައިން ވިދާޅުވީ، މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާނަށް ނަޒަރު ހިންގަވާ ލައްވާ ނާޒިލު ވިދާޅުވީ، މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށުމުގެ ގޮތުން ބޭއްވި ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ގައުމުގެ އަދުގެ ހާލަތު ބަޔާންކޮށްދިނުމުގެ ބަދަލުގައި އެ ހާލަތު ރައްޔިތުންނާއި މަޖިލީހަށް އޮޅުވާލާފައިވާ ކަމަށެވެ. މީގެ އިތުރުން އެ ރިޔާސީ ބަޔާނުން ދިވެހިންނަށްސ ގެނުވީ އިތުރު މާޔޫސްކަން ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.

"ގައުމުގެ އަދުގެ ހާލަތާއި މި ރިޔާސީ ބަޔާނަކާ އެއްވެސް ގުޅުމެއް ނެތް. މި ރިޔާސީ ބަޔާނުން ރައްޔިތުން އިތުރަށް މާޔޫސްކޮށްފި. އިގުތިސޯދީ އަދި މާލީ ކަންކަން ހައްލު ކުރާނެ ސިޔާސަތުތަކެެއް ބުނެ ނުދެވުނު. މި އަހަރުގެ ރިޔާސީ ބަޔާނަކީ މިހާތަނަށް އިވުނު އެންމެ އޮޅުވައިލުން ގިނަ ރިޔާސީ ބަޔާން. ފެނިގެންދިޔައީ ބޮޑެތި މުހިންމު ކަންކަން އުނިކޮށް ހިޔާލީ ވާހަކައެއް އުފައްދަން އުޅުނު މަންޒަރު،" އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ރައީސް މުއިއްޒު ދެއްވި ފެހި ސިގްނަލްތައް ވެގެން ދިޔައީ ސައިބޯނި ބޮކިތަކަކަށް ކަމަށާ ދުނިޔޭގެ ކްރެޑިޓް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން ކުރީ ދަށް ކަމަށެވެ. މިއަދާ ހަމައަށް އައިއިރު ވެސް މާލީ އިސްލާހީ ފިޔަވަަޅުތައް އަޅަމުންދާ މަންޒަރު ނުފެންނަ ކަމަށާއި މަޖިލީހުން ފާސްކުރި ބަޖެޓާއި ރައީސްގެ އަމަލުތަކާ ދިމާނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ބަޖެޓު ފައިނޭންސް ކުރުމަށް މިދިޔަ އަހަރު ވެސް ފައިސާ ނުހޯދޭ ކަމަށާއި އެއާއެކު ޑެފިސިޓް ރެކޯޑެއް މި ސަރުކާރުން ހަދާފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ. ދަރަނި ނުނަގާނެ ކަމަށް ކެމްޕޭނުގައި ވިދާޅުވުމަށް ފަހު ވެރިކަމަށް ވަޑައިގެން ރައީސް އަމަލުކުރައްވަމުން ގެންދަވަނީ އެ ވާހަކަތަކާ ދިމާ އިދިކޮޅަށް ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.