ރޯދަ މަހާ ދިމާކޮށް ފިހާރަތަކާއި މާރުކޭޓްތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު އިންސްޕެޝަނެއް ފަށައިފި އެވެ.
މިއީ ހެލްތު މިނިސްޓްރީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތް މިއަދު ހެނދުނު 9:00 އިން ފެށިގެން 4:00 އަށް މާލޭގެ އެކި ސަރަހައްދުތަކުގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ކުރިއަށްދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ހެލްތު މިނިސްޓްރީ ބުނީ މި އިންސްޕެކްޝަން ހަރަކާތަކީ ފިހާރަތަކާއި މާރުކޭޓްތަކުން ވިއްކާ ކާބޯތަކެއްޗަކީ ކާބޯތަކެތީގެ ރައްކާތެރިކާތެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވިއްކާ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި އެތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އިންސްޕެކްޝަންގެ ތެރެއިން ފިހާރަތަކާއި މާރުކޭޓްތަކަށް ބުޅާ އަދި މިދާ ފަދަ ޖަނަވާރުތަކަށް ނުވަދެވޭ ގޮތަށް ޕެސްޓްކޮންޓްރޯލް ކުރެވިފައިވޭތޯ ބެލުމާއި، އައިސްއަލަމާރީގައި ކާބޯތަކެތި ބަހައްޓާފައި ހުންނަގޮތް ބަލާނެ ކަމަށެވެ. އަދި ވަކި ފިނިހޫނުމިނެއްގައި ބެހެއްޓުމަށް ލޭބަލްގައި އިރުޝާދު ދިފައިވާ ތަކެތި ބަހައްޓަނީ އެއިރުޝާދާއި އެއްގޮތަށްތޯ ބެލުމާއި، މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބެލުމުގެ އިތުރުން ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް، ގުދަން ކޮށްފައިވާ ގޮތްވެސް ބަލާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މިދިޔަ އަހަރުގެ މޭމަހުގެ 23ވަނަ ދުވަހު ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނެއް ތަސްދީގުކޮށްފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށައިފައި ވަނީ 23 އޮގަސްޓް 23 2024 އިން ފެށިގެންނެވެ.
ކާބޯތަކެތި ރައްކާތެރިކުރުމާއި ބެހޭ މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު އެމްއެފްޑީއޭ އިން ދަނީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓައި ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން މި ގާނޫނުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ތަނެއް މި ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ވަކި އުސޫލެއްގެ ތެރެއިން ޚިދުމަތްދިނުމަށް ކަނޑައެޅިފައިވާއިރު، ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕްރޮގްރާމްތައް ކުރިއަށް ގެންދެ އެވެ.