ޕްރޮޑިއުސާސް ގިލްޑް އޮފް އެމެރިކާ (ޕީޖީއޭ) އެވޯޑުން މިވަނީ އެ މީހުންގެ 2021 ވަނަ އަހަރުގެ އެޑިޝަނުގައި އިރްފާން ހާންގެ އަގުވަޒަންކޮށް އެވޯޑްދީފަ އެވެ.

އޮސްކާ ފަދަ އެވޯޑްތަކަށް ވުރެ ކުރީގައި އުޅޭ މި އެވޯޑް ހަފްލާ ބާއްވާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ، ވާޗުއަލް ކޮށެވެ.

އިރްފާންއާ އެކު އެ މީހުން ވަނީ އެ ހަފްލާގެ "މެމޯރިއަމް" ސެގްމެންޓްގެ ދަށުން 21 މީހުންގެ ހަނދާން އާ ކޮށްފަ އެވެ. އެހެން ނަމަވެސް މައްސަލައަކަށްވީ އިރްފާން ހާންގެ ނަން ލިޔެފައި އޮތް އިރު އިރިފް ހާން އޭ ލިޔެވިފައި އޮތުމެވެ.

އިރްފާން ހާން މަރުވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 29 ވަނަ ދުވަހުގަ އެވެ. މަރުވިއިރު އޭނާ ދިޔައީ މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ.

މި ހަފްލާގައި އިރްފާންގެ އިތުރުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މަރުވި ޗެޑްވިކް ބޯސްމަންގެ ހަނދާން ވެސް އާކޮށްފައި ވެ އެވެ. އޭނާވެސް މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.