ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލުކުރުމަކީ ޕާލިމެންޓްރީ ގްރޫޕްތަކުގައި އަބަދުވެސް ހިނގާކަމެއް ކަމަށް ވިދާޅުވެ ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހުމަދު އަޒާން މަރުޒޫގު ބަދަލުކުރުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ދިފާއުކުރައްވައިފި އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގެ ބައެއް ކޮމިޓީތަކުގައި އެ ޕާޓީގެ ފަރާތުން ތިއްބަވާ މެމްބަރުން ބަދަލުކުރުމާ ގުޅިގެންނެވެ.
ފަލާހު ވިދާޅުވީ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން ބަދަލުކުރަނީ ޕީޖީ ގުރޫޕުގެ އަދަދާއި ކޮމެޓީތަކުގެ އަދަދާއި މެންބަރުން ކޮމެޓީގެ ހާޒިރީއަށް ދެއްވާ އަހްމިއްޔަތުކަމާއި ކޮމެޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މަައްޗަށް ބިނާކޮށް ކަމަށެވެ. އަދި މި އުސޫލުގެ ދަށުން އެކި ކޮމެޓީތަކަށް އެކި މެންބަރުން އެކި އިރު ބަދަލު ގެނައުމަކީ 17، 18، އަދި 19 ވަނަ މަޖިލީހުގައި ވެސް އާންމުކޮށް އެކަން ހިނގި އުސޫލުކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި ވެސް އެފަދަ ބަދަލުތައް ގެނެވިފައިވާ ކަމަށާއި ކުރިއަށް އޮތްތާނގައި ވެސް، ކޮމިޓީތަކަށް އެ ވަގުތަކަށް ބޭނުންވާ ބަދަލުތަައް ގެންނަވަމުންދާނެ ކަމަށެވެ.
ނަމަވެސް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ އެ ނިންމުމާ ގުޅޭ ގޮތުން އަޒާން ވިދާޅުވެފައި ވަނީ އެއީ އެސްއޯއީތަކުގެ ހިޔާނާތުން މަންފާވާ ބައެއްގެ ޕްރެޝަރަށް މި ދަނޑިވަޅާ ދިމާކޮށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އެސްއީއޯތަކުގެ ޕްރޮކިއުމަންޓުގެ ކަންކަން ދިރާސާ ކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ފަށަައި ފާއިތުވީ އެއް އަހަރު އެ ކުންފުނިތަކުގެ ޕްރޮކިއުމަންޓް މައުލޫމާތު ފޮނުވަން އޮތީ އެދިފައި ފުރަތަމަ ދިރާސާކުރަން ފެށީ ވެމްކޯގެ ޕްރޮކިއުމަންޓާ ގުޅޭ މައުލޫމާތު ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ އެ ކުންފުނިން އެކަނި މިދިޔަ އަހަރު ކުއްޔަށް ތަކެތި ނަގަން 65 މިލިއަން ހަރަދުކޮށްފައިވާ ކަމަށް ދައްކާ ކަމަށެވެ.
"މިކަންކަން ބަލަން ފެށީމަ، އެކި ދިމަދިމާލުން ޕްރެޝަރު އާދޭ ނުބަލަން. ހާއްސަކޮށް މިކަންކަމުން އެކި ގޮތްގޮތުން ނަފާވާ މީހުން،" އޭނާ ވިދާޅުވި އެވެ.