ފާއިތުވި ހަފްތާގައި އެމެރިކާގެ ރައީސް ޑޮލަޑް ޓްރަމްޕާއި ޔުކުރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާއެކު ބޭއްވެވި ބައްދަލުވުން ހޫނުވެފައިވަނިކޮށް އެގައުމުން ޔުކުރެއިނަށް ދެމުންދިޔަ އަސްކަރީ އެހީތެރިކަން މެދުކަނޑާލައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ ވައިޓް ހައުސްގެ އިސް އޮފިޝަލެކެވެ. މި ފިޔަވަޅު އަޅާފައިވަނީ ޓްރަމްޕް ރައީސްކަމާ ހަވާލުވުމަށްފަހު ޖެނުއަރީ މަހު ޔުކްރެއިނާއި ރަޝިޔާއާ މެދު އެމެރިކާގެ ސިޔާސަތު ބަދަލުކޮށް، މޮސްކޯއާ މެދު އިތުރަށް ގުޅުން ބަދަހި ކުރުމުގެ ސިޔާސަތެއް ގެންގުޅެން ފެށުމަށްފަހުގަ އެވެ.

މީގެ އިތުރުން ހުކުރު ދުވަހު ވައިޓް ހައުސްގައި ޒެލެންސްކީއާއެކު ހިނގި ހޫނު ދެބަސްވުމަށްފަހު ޓްރަމްޕް ވަނީ ރަޝިޔާއާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި ވޮޝިންގްޓަންގެ އެހީތެރިކަމަށް އެކަށީގެންވާ ވަރަށް ޝުކުރުވެރިނުވާކަމަށް ބުނެ ޒެލެންސްކީއަށް ފާޑުވިދާޅުވެފަ އެވެ.

ޔުކުރެއިނަށް އަސްކަރީ އެހީ ދިނުން އެމެރިކާއިން މެދުކަނޑާލީ ކިހާ މުއްދަތަކަށް ކަމެއް ހާމަކޮށްފައިނުވެ އެވެ. އަދި މިކަމާއި ގުޅޭ އެއްވެސް ތަފްސީލެއް ހިއްސާފައިނުވެ އެވެ.

ރަޝިޔާ އިން ޔުކުރެއިނަށް ހަމަލާދީ އެ ގައުމުގެ ބޮޑު ސަރަހައްދަކަށް ވެރިވެގަތްތާ ތިން އަހަރު ވެއްޖެ އެވެ. މި މުއްދަތުގައި އެމެރިކާގެ ކޮންގްރެސްއިން ވަނީ ޔުކްރެއިނަށް ޖުމްލަ 175 ބިލިއަން ޑޮލަރުގެ އެހީތެރިކަން ދިނުމަށް ފާސްކޮށްފަ އެވެ.

ޓްރަމްޕްގެ މި ފިޔަވަޅުގެ ސަބަބުން ކުރީގެ ރައީސް ބައިޑެން ފާސްކޮށްފައިވާ ހަތިޔާރާއި މިސައިލް އަދި އެހެނިހެން ސިސްޓަމްތައް ފޯރުކޮށްދިނުން ހުއްޓާލެވޭނެ ކަމަށް ބެލެވެ އެވެ.

ހުކުރު ދުވަހު ޓްރަމްޕާއި ޒެލެންސްކީގެ ބައްދަލުވުމުގައި ސޮއިކުރުމަށް ހަމަޖެހިފައި އޮތް މައުދަނާ ބެހޭ އެއްބަސްވުމުގައި ސޮއިކުރުންވެސް އެދުވަހު ވަނީ ކުރިއަށް ނުގެންދެވިފަ އެވެ. ނަމަވެސް ހޯމަ ދުވަހު ޓްރަމްޕް ވަނީ އެ އެއްބަސްވުމުގައި އަދިވެސް ސޮއި ކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

ޒެލެންސްކީ އެދިވަޑައިގެންފައި ވަނީ ހަނގުރާމަ ހުއްޓުމެއް ގެނައުމުގައި ސަލާމަތީ ގެރެންޓީތަކެއް ހިމެނުމަށެވެ. މިއީ ރަޝިޔާއިން އަނެއްކާވެސް ހަމަލާ ނުދޭނެކަން ޔަޤީންކުރުމަށް ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވެ އެވެ. މިހާރު ރަޝިޔާއިން ޔުކްރެއިންގެ ބިމުގެ 20 އިންސައްތަ ހިފާފައިވާއިރު، ޓްރަމްޕް ވަނީ މިފަދަ އެއްވެސް ގެރެންޓީއެއް ދިނުމަށް އިންކާރުކުރައްވާފަ އެވެ.

އަސްކަރީ ބައި ފިޔަވައި، އެމެރިކާއިން ޔުކްރެއިނަށް ދޭ އެހީތެރިކަމުގެ ތެރޭގައި ހިމެނެނީ ބަޖެޓަށް ދޭ އެހީތެރިކަމެވެ. މިއީ ގިނަފަހަރު ވޯލްޑް ބޭންކުގެ ޓްރަސްޓް ފަންޑެއް މެދުވެރިކޮށް ދެވޭ އެހީތެރިކަމެކެވެ. އަދި މީގެ އިތުރުން ޔޫ.އެސް. އެޖެންސީ ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް ދެވޭ އެހެނިހެން ފަންޑުތައްވެސް ހިމެނެ އެވެ. ނަމަވެސް މި އެޖެންސީގެ މަސައްކަތްތައްވެސް ވަނީ ޓްރަމްޕްގެ ސަރުކާރުން ހަނިކޮށްފަ އެވެ.

އެމެރިކާގެ މި ނިންމުމުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މީގެ ތެރޭގައި ކުރިން ފޯރުކޮށްދީފައިވާ ހަތިޔާރު ސިސްޓަމްތަކަށް ބޭނުންވާ ހަތިޔާރު މިހާރު ފޯރުކޮށްދެވޭނެތޯ އާއި ޓާގެޓް ދެނެގަތުމަށާއި މިސައިލް ދޫކުރުމާ ބެހޭ އިންޓެލިޖެންސް މަޢުލޫމާތު އެމެރިކާއިން ޔުކްރެއިނާ ހިއްސާކުރާނެތޯ ހިމެނެ އެވެ.

ވައިޓް ހައުސްއިން އެހީތެރިކަން ހުއްޓާލުމުގެ ނިންމުން ނިންމުމުގެ ކުރިން، ޔޫރަޕުގެ ޤައުމުތަކުން ވަނީ ޒެލެންސްކީގެ ފަރާތަށް ޖެހި، ސުލްޙައިގެ ޕްލޭނެއް އެކުލަވާލަން މަސައްކަތްކުރަން ފަށާފަ އެވެ.

ފްރާންސް، ބްރިޓެން އަދި އެހެން ޔޫރަޕުގެ ޤައުމުތަކުންވެސް ވަނީ ހުއްޓުމެއް ގެނެވިއްޖެނަމަ ޔުކްރެއިނަށް ސިފައިން ފޮނުވުމަށް ހުށަހަޅާފަ އެވެ. މިއީ މޮސްކޯއިން މިހާރުވެސް ދެކޮޅުހަދާފައިވާ ކަމެކެވެ. ނަމަވެސް މި ޤައުމުތަކުން ބުނެފައިވަނީ މިކަމަށް އެމެރިކާގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.