ސްޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މިއަދުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު އެވެ.

އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 46 މެންބަރުން އަދި ވަކިކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެންބަރު ވޯޓު ދެއްވި އެވެ.

މައްސަލަ ހުށަހަޅުއްވަމުން ޝަމްހީދު ވިދާޅުވީ ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތް ބަދަލުކުރީ ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނައުމުގެ ގާނޫނާއި ގުޅޭ ހައްސާސް މައްސަލައެއް އެ ކޯޓުން ބަލަމުން ދަނިކޮށް ކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި އެ ކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމުގެ މަސައްކަތްކޮށް ވުޖޫދުގައި ނެތް ސުލޫކީ މައްސަލަތަކެއް އުފައްދާ އެ ކޯޓުގެ ފަނޑިޔާރުން މަގާމުގެ މަސައްކަތުން އެކަހެރިކުރުމަކީ ސުޕްރީމް ކޯޓުން ބަލަމުންދިޔަ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރި އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމުން ފަސް ފަނޑިޔާރުންގެ ބެންޗުން ކުރިއަށް ގެންދެވޭ މައްސަލަތައް މިހާރު ނުގެންދެވޭ ކަމަށްވެސް ޝަމްހީދު ފާހަގަކުރެއްވި އެވެ.

ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެނަމަ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި ގުޅިގެން އެކަން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރުމަށް ސްޕްރީމް ކޯޓުން ތައްޔާރުވެފައިވަނިކޮށް، މަޖިލީހުން ވަނީ ގާނޫނުއަސާސީއަށް ބަދަލުގެނެސް ސްޕްރީމް ކޯޓުގެ ފަނޑުޔާރުންގެ އަދަދު މަދުކުރުމަށް ފާސްކޮށްފަ އެވެ.

މީގެ އިތުރުން ހަމަ އެދުވަހު ޖޭއެސްސީން ވަނީ ތިން ފަނޑިޔާރަކު ސަސްޕެންޑް ކޮށްފަ އެވެ. އޭގެތެރެއިން ފަނޑިޔާރު ހުސްނުލްސުއޫދުވަނީ މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ސުއޫދުގެ އިސްތިއުފާ ސިޓީގައި ވަނީ ފާހަގަކުރައްވާފަ އެވެ.