ދުނިޔޭގައި ލައްވާފައިވާ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތަކަކީ އެހެން މިސްކިތްތަކަށްވުރެ ދަރަޖައިގެ ގޮތުން މާތް ކުރައްވާފައިވާ މިސްކިތްތަކެކެވެ.

އެގޮތުން މުސްލިމުންގެ ތިން ހަރަމް ކަމަށްވާ މަސްޖިދުލް ހަރަމް، މަސްޖިދުލް ނަބަވީ އަދި މަސްޖިދުލް އަގްސާއަށްފަހު އިސްލާމީ ތާރީހުގައި އެންމެ ފާހަގަ ކޮށްލެވެނީ އިރާގުގެ ކުފާގައި ހުންނަ މަސްޖިދުލް ކުފާ އެވެ.

މަސްޖިދުލް ކުފާއަކީ އެކި ސަބަބު ތަކަށްޓަކައި އިސްލާމީ ތާރީހުގައި ހާއްސަ ކަމެއް ދެވިފައިވާ މިސްކިތެކެވެ. އެ މިސްކިތުގެ ތާރީހުގައި ފާހަގަކޮށްލެވޭ ހާދިސާތަކެއް ވެސް ހިނގާފައިވެ އެވެ.

މަސްޖިދުލް ކުފާ، އިރާގު

ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި މަސްޖިދުލް ކުފާ އެންމެ ފުރަތަމަ ބިނާ ކުރެވުނީ މީލާދުން 638 ވަނަ އަހަރު އެވެ. އޭރު އެ މިސްކިތް ބިނާކުރެވުނީ ރަސްކަމުގެ ކޮއިލުއާއެކު ހަތަރެސްކަން ފަރުމާ އަކަށެވެ.

ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގަތުމަށްފަހު މުސްލިމުންނައިގެން ކުރިއަށް ވަޑައިގެންނެވި ހުލަފާއުއް ރާޝިދޫންގެ ދައުރުގައި ވެސް އެންމެ މުހިއްމު މިސްކިތަކަށް ވީ މަސްޖިދުލް ކުފާ އެވެ.

އެގޮތުން މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ކަމަށްވާ އަލީ ބިން އަބީ ތާލިބް ޝަހީދު ކޮށްލެވުނީ ވެސް އެ މިސްކިތުގަ އެވެ. ހިޖުރައިން 40 ވަނަ އަހަރުގެ ރަމަޟާން މަހުގެ 19 ވަނަ ދުވަހު މުޝްރިކުން އެކަލޭގެފާނު ޝަހީދު ކޮށްލީ އެ ދުވަހުގެ ފަތިސް ނަމާދު އިމާމުވެ ކުރައްވަން ހުންނަވަނިކޮށެވެ.

މަސްޖިދުލް ކުފާ، އިރާގު

އެއަށްފަހު މީލާދުން 749 ވަނަ އަހަރު އައްބާސީ ޚިލާފަތް އުފެދުނީ ވެސް ހަަމަ އެ މިސްކިތުގައި ކަމަށް ތާރީހީ ފަށްފުތް ތަކުގައިވެ އެވެ.

އިސްލާމް ދީނުގައި މަސްޖިދުލް ކުފާއަށް ދެވިފައިވާ ގަދަރު އެނގިގެންދާ އަނެއް ކަމަކީ އިއުތިކާފަށް އިނުން އެންމެ މާތްވެގެންވާ ފަސް މިސްކިތުގެ ތެރޭގައި އެ މިސްކިތް ހިމެނުމެވެ.

މިއަދު ވެސް އެ މިސްކިތަކީ މުސްލިމުންގެ މެދުގައި ހާއްސަ ގަދަރެއް ދެވިފައިވާ، އެތައް ހާސް ބަޔަކު ޒިއާރަތްކޮށް އަޅުކަންކުރާ މިސްކިތެކެވެ.