ވެންޓިލޭޓަރުގެ ވައްކަމުގެ މައްސަލާގައި ދެ ވަޒީރަކާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ޝާމިލުވާކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) ތުހުމަތު ކުރައްވައިފި އެވެ.

ކޮވިޑް-19 ގެ އެންމެ ގޯސް ހާލަތުގައި ބޭނުން ކުރުމަށްޓަކައި ރާއްޖެއަށް ގެންނަން އޯޑަރު ކުރި ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގި ކޮރަޕްޝަން މައްސަލާގައި ދައުވާ ނުކުރަން ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވުމުން، އެ ބޭފުޅާ ވަނީ ފެއިލްވެފައި ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ހަބަރެއް ހިއްސާ ކުރައްވަމުން ޓޮމް ކުރެއްވި ޓްވީޓެއެއްގައި ވިދާޅުވެފައިވަނީ ވެންޓިލޭޓަރު ފައިސާ ޖަމާވީ ބާމުޑާ ޓްރެއިންގަލްގައި އޮތް އެކައުންޓަކަށް ކަމަށެވެ.

"ވެންޓިލޭޓަރު ފައިސާ ޖަމާވީ 'ބާމުޑާ ޓްރައިންގަލް'ގައި އޮތް އެކައުންޓަކަށް. ވެންޓިލޭޓަރު މައްސަލައިގައި އުންސުރު ހަމަ ނުވާނެ. އުންސުރު ހަމަވެއްޖެނަމަ ދައުލަތުގެ އިތުރު ދެ މިނިސްޓަރަކާއި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ ހަމައަށް އުންސުރު ފޯރާނެ. ރައްޔިތުންނަށް ވާނުވާ އެބައެނގޭ،" ތޯރިގު ވިދާޅުވި އެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުން ޕީޖީ އޮފީހުން ދެމެހެއްޓުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އިސްތިއުފާ ދެއްވުމަށް ގޮވާލައިފަ އެވެ.

މީގެ އިތުރުން ރައީސް ނަޝިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި މަތިޖެހުނަ ދީފި ނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑު ކަމަށެވެ. އަދި ވެންޓިލޭޓަރުގެ ވައްކަމުގެ މައްސަލާގައި ސަރުކާރުން ބައިވެރިވެފައިވާތަން ފެންނަ ކަމަށާއި ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.